މައްކާއަށް ހައްޖުވުމަށް ގޮސް ތިބި މީހުންނަށް އުނދަގޫވާ ގޮތަށް މައްކާގައި އަދި ހާއްސަކޮށް ހަރަމްފުޅު ތެރޭގައި ސިޔާސީ ބޭނުންތަކަށް އެއްވުންތައް ބޭއްވުން ސައުދީ ސަރުކާރުން މަނާ ކޮށްފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުވުމަށް މިހާތަނަށް 1.2 މިލިއަން މީހުން ވަނީ ސައުދީ އަރަބިއަރަބިއާގެ މައްކާއަށް ޖަމާވެފަ އެވެ. އަދި ހައްޖު ދުވަހުގެ ކުރިން ޖުމްލަ ތިން މިލިއަން މީހުން މައްކާއަށް ދާނެ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓަރު ކްރައިން ޕްރިންސް މުހައްމަދު ބިން ނަޔެފް ވިދާޅުވީ ހައްޖުގެ ދުވަސްވަރު މާތްﷲގެ އަޅުތަކުންނަށް އުނދަގޫވާ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަލާމަތީ ބާރުތަކުން ތައްޔާރުވެގެން ތިބި ކަމަށެވެ.

ސިޔާސީ ބޭނުންތަކަށް މައްކާގައި އެއްވުންތައް ބޭއްވުން ސައުދީން މަނާކޮށްފައި ވަނީ ސުންނީ އަދި ޝިއައީ ޖަމާއަތްތަކަށް ނިސްބަތްވާ އިސްލާމީ ގައުމުތަކުގެ ރައްޔިތުންގެ މަދުގައި ހިތް ހަމަނުޖެހުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ދެހާސްއެގާރަ ވަނަ އަހަރުން ފެށިގެން އިސްލާމީ ގައުމުތަކުގެ މެދުގައި ވަނީ އެ ހަމަނުޖެހުންތައް އުފެދިފަ އެވެ.

އޭގެ އިތުރުން ސައުދީ އަރަބިއާގެ ތިން މިސްކިތަކަށް ބޮމުގެ ހަމަލާދީ ގެއްލުންދީފައި ވަނީ މިއަހަރުގެ ތެރޭގަ އެވެ. ސައުދީ އަރަބިއާއިން ތުހުމަތުކޮށްފައި ވަނީ އެއީ އިސްލާމިކް ސްޓޭޓް (އައިއިއެސް)ގެ އަމަލެއް ކަމަށެވެ. އަދި އެއީ މުސްލިމުންނާ ދެކޮޅަށް އައިއެސްއިން ދޭ ހަމަލާތަކެއް ކަމަށް ސައުދީން ވަނީ ތުހުމަތުކޮށްފަ އެވެ.

ސައުދީ އަރަބިއާއަށް ހައްޖުވުމަށް ގޮސްތިބި މީހުންނާ ހަވާލާދީ ރޮއިޓާސްގައި ބުނެފައި ވަނީ އަމާން ކަމާއެކު ހުރިހާ ހައްޖާޖީންނަށް ވެސް ހައްޖުވުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.