18 Sep 2015, 21:57
އަންގާރަ ދުވަހުގެ ރޭ ޔޫކްރޭނުގެ ޝަކްތާ ޑޮނެސްޓްކްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ދަނޑުން ބޭލި ރެއާލް މެޑްރިޑްގެ ހަލުވި ފޯވާޑް ގެރެތު ބޭލް ދެ ހަފުތާއެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހެއްޖިއެވެ. 0-4 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވި އެ މެޗްގެ 28 ވަނަ މިނެޓް ގައި ބޭލް އަށް އަނިޔާވެގެން ވަނީ ބަދަލު ކޮއްފައެވެ.
މެޑިކަލް ރިޕޯޓްތައް ދައްކާގޮތުން ބޭލްގެ ވައަތު ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. އޭނާ އަދި ކުޅުމުގެ ތެރެއައް އައުމަށް ދެ ހަފްތާ ވަރު ނަގާނެއެވެ. އެހެންކަމަށް ވާނަމަ ރެއާލް މެޑްރިޑްގެ ތަރި އަށް ލީގުގައި ކުޅޭ ފަސް މެޗު ގެއްލިގެން ދާނެއެވެ.
ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބޭލްގެ ފަލަމަސްގަނޑަށް ވަނީ ހަތަރުފަހަރެއްގެ މަތިން އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހިފައެވެ.
ބޭލްގެ މި އިންޖަރީއާ އެކު ރެއާލް މެޑްރިޑްގެ ތިން ކުޅުންތެރިންނަށް މި ވަނީ އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިފައެވެ.
އެ ތިން ކުޅުންތެރިންނަކީ ޒުވާން ޑިފެންޑަރު ޑެނިލޯ، އިތުބާރު ފޯވާޑް ޖޭމްސް، އަދި ގެރަތު ބޭލް އެވެ.
މައުލޫމާތު:މާސާ