ވޭތުވެ ދިޔަ 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފުރިހަމަ ހަނދުކޭތަ (ސުޕަމޫން ލޫނާ އެކްލިޕްސް) މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ފެންނާނެ ކަމަށް ނާސާ އިން ހާމަކޮށްފި އެވެ.

މި މަހުގެ 27 ވަނަ ދުވަހުގެ ރޭގެ 8:11 އިން ފެށިގެން ހަނދުކޭތަ ހިފަން ފަށާ އިރު، މުޅިހަނދު އެއްކޮށް ހިފާނެ ކަމަށް ނާސާއިން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ. އަދި ހަނދުކޭތަ ހިފާފައި ގާތްގަނޑަކަށް ގަޑިއިރެއްހާ އިރު ވަންދެން ހުންނާނެ ކަމަށް ވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ނާސާ އިން ބުނީ ގިނަ ދުވަސްތަކަކަށް ފަހު ފެންނަ ފުރިހަމަ ހަނދުކޭތަ އެމެރިކާގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަށް ފެންނާނެ ކަމަށެވެ.

ހަނދުކޭތަ ހިފުމޭ ކިޔަނީ ދުނިޔޭގެ ހިޔަނި ހަނދަށް އެޅުމުންނެވެ.

ނާސާގެ ޑެޕިއުޓީ ޕްރޮޖެކްޓް ސައިންޓިސްޓް ނޯ ޕެޓްރޯ ވިދާޅުވީ 27 ވަނަ ދުވަހުގެ ރޭ ފެން ހަނދު ފެންނާނީ އެހެންޏާ ފެންނަ ހަނދަށް ވުރެ ބޮޑުކޮށް ދުނިޔެއާ ކައިރިން ކަމަށެވެ.

"ހަނދު ބޮޑުވުމުގެ އިތުރުން އެހެން ބަދަލެއް ނުފެންނާނެ. އުޑުން ހަނދު ފެންނައިރު ވަރަށް ބޮޑުވާނެ. މީކީ ހުވަފެނެއް ނޫން. ހަމަ އަސްލު ވެސް ބޮޑުކޮށް ފެންނާނެ.،" ނޯ ޕެޓްރޯ ވިދާޅުވި އެވެ.

ކައިރިން ހަނދު ފެނުމަށް ސައިންސްވެރިން ދީފައިވާ ނަމަކީ ޕެރިޖީ އެވެ. ޕެރިޖީ ހަނދު ފެންނާނީ ދުނިޔެއާ 31000 މޭލު ދުރުން ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ. އަދި ޕެރިޖީ ހަނދެއް ފެންނާނީ އާންމުކޮށް ހަނދު ފެންނަ ވަރަށް ވުރެ 14 ޕަސެންޓް ބޮޑުކޮށް 30 ޕަސެންޓް އަލިގަދަކޮށް ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

މީގެ ތިން ހަފްތާ ކުރިން 29 އޮގަސްޓްގައި ވަނީ ދުނިޔެ އަށް ސުޕާ މޫންއެއް ފެނިފަ އެވެ. އެރޭގެ ހަނދު ފެނިފައި ވަނީ އެހެން ހަނދުތަކާ ހިލާފަށް ބޮޑުކޮށް ކަމަށް ހަނދު ފެނުން މީހުން ވަނީ ބުނެފަ އެވެ.

މިފަހަރު ފެންނާނީ އެކަހަލަ ސުޕާ މޫންއެއްގެ ހަނދުކޭތައެކެވެ. އެންމެ ފަހުން ފުރިހަމަ ހަނދު ކޭތައެއް ފެނިފައި ވަނީ 1982 ވަނަ އަހަރު އެވެ. އަދި މިމަހު ފެންނަ ހަނދުކޭތަ އަށް ފަހު ދެން ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2033 ވަނަ އަހަރު ކަމަށް ނާސާ އިން ވަނީ ލަފާކޮށްފަ އެވެ.