މަޝްހޫރު މޯބައިލް ޕަޒަލް ގޭމެއް ކަމަށްވާ އެންގްރީ ބާޑްސްގެ އާ ގޭމަށް ކޮލަންބިއާގެ ލަވަކިޔުންތެރިޔާ ޝަކީރާ އެނިމޭޓްކޮށް ދޫންޏަކަށް ހަދައިފި އެވެ.

އެންގްރީ ބާޑްސްގެ އާ ގޭމް، "އެންގްރީ ބާޑްސް ޕޮޕް"ގައި ޝަކީރާއާ އެއްގޮތްކޮށް ހަދާފައިވާ ދޫނީގެ ނަމަކީ "ޝަކީރާ ބާޑް" އެވެ. އަދި ޝަކީރާގެ އިންސްޓަގްރަމް އެކައުންޓުގައި އޭނާ ފެނިގެންދާނެ ގޮތް ވަނީ އިއްޔެ ޕޯސްޓް ކޮށްފަ އެވެ.

އެންގްރީ ބާޑްސްގެ ގޭމްތަކުގައި، މަޝްހޫރު ލަވަ "ހިޕްސް ޑޯންޓް ލައި" ކިޔާފައިވާ ޝަކީރާ ހިމެނުމުގެ މަޝްވަރާތައް އެ ގޭމް އުފައްދާ ރޯވިއޯގެ މާކެޓިން ހެޑް ޕީޓާ ވެސްޓަބަކާ އާއެކު ޝަކީރާ ކޮށްފައި ވަނީ މި އަހަރުގެ ކުރީކޮޅު ސްޕެއިންގެ ބާސެލޯނާގަ އެވެ.

"އެންމެ ފަސް މިނެޓު ތެރޭގައި އެކުގައި ކޮންމެވެސް އެއްޗެއް ހަދަންވެއްޖެ ކަން ސާފުވެގެން ދިޔަ. އާ ދޫނި އުފެއްދުމަށް ޓީމުން ކޮށްފައި ވަނީ ވަރަށް ފުރިހަމަ މަސައްކަތެއް... މިއީ ރަނގަޅު އެކުވެރިކަމެއްގެ ފެށުން،" ޕީޓާ ވެސްޓަބަކާ ބުނެފައިވެ އެވެ.

"އެންގްރީ ބާޑްސް ޕޮޕް"ގެ އިތުރުން އެންގްރީ ބާޑްސް އިން ކުރިއަށް ނެރެން ނިންމާފައިވާ "އެންގްރީ ބާޑްސް ފްރެންޑްސް" އަދި "އެންގްރީ ބާޑްސް 2" ގައި ވެސް ޝަކީރާ ބާޑް ފެނިގެންދާނެ އެވެ.

ޝަކީރާ އަކީ އެގްރީ ބާޑްސްގައި ފެނިގެންދާ ފުރަތަމަ ތަރިއެއް ނޫނެވެ. މީގެ ކުރިން އެމެރިކާގެ ޕަންކު ރޮކް ބޭންޑެއް ކަމަށްވާ ""ގްރީން ޑޭ" އަށް ވެސް "އެންގްރީ ބާޑްސް ފްރެންޑްސް"ގައި އަމިއްލަ އެޕިސޯޑެއް ހަދާފަ އެވެ.