ޕްރެޒިޑެން ކަޕްގެ އައްޑޫ ސިޓީގައި މިއަދު ކުޅުނު މެޗުން އީގަލްސް އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެ ވެލެންސިއާ މުބާރާތުން ކަޓައިފި އެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗްގެ ލީޑް ނެގީ ވެސް އީގަލްސްއިންނެވެ. މެޗްގެ 15 ވަނަ މޮނެޓްގައި އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެ ޓީމް ކެޕްޓަން އިސްމާޢީލް ޢީސާ (މެސީ) އެވެ. ފުރަތަމަ ހާފް އީގަލްސް ކުރީގައި އޮވެގެން ނިންމާލިއިރު ވެލެންސިއާއިން ވަނީ މެޗްގެ 53 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޙުސައިން ނިހާންއެވެ. ވެލެންސިއާއިން ނަތީޖާ ހަމަހަމަ ކުރިތާ ފަސް މިނެޓްފަހުން 58 ވަނަ މިނެޓްގައި އީގަލްސްގެ ބިދޭސީ ފޯވަޑް ޖެރާޑޯ ރެޔޭސް ވަނީ އެޓިމަށް އަލުން ލީޑު ނަގައިދިނެވެ.

އީގަލްސްއިން ލީޑް ނެގިތާ އެއް މިނެޓް ފަހުން ހަންސޭ އަވީލޯ ވަނީ ލަނޑެއް ޖަހައި ވެލެންސިއާއިން އަލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނަމަވެސް 68 ވަނަ މިނެޓްގައި ޢިމްރާން ރަޝީދު ކާމިޔާބު ކުރި ލަނޑުން އީގަލްސްއިން ވަނީ ލީޑު ނަގާފަ އެވެ. އީގަލްސްގެ ހަތަރު ވަނަ ލަނޑު 87 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަޙްމަދު ރިޒުވާނެވެ. ވެލެންސިއާއިން ވަނީ މި ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުން މާޒިއާ އަތުން ބަލިވެފަ އެވެ. ދެމެޗުން ބަލިވުމުން ވެލެންސިއާވަނީ މުބާރާތުން ކަޓާފައެވެ. މިއަދުގެ މެޗުން ލިބުނު ތިން ޕޮއިނޓާއެކު މިހާތަނަށް ހަތަރު ޕޮއިންޓް ލިބިގެން އީގަލްސް އިތީ މިގުރޫޕްގެ އެއް ވަނައިގައެވެ. މި ގުރޫޕްގައި މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ މާޒިޔާއާ ވިކްޓްރީއެވެ.