ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީއަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ނައީމް މިއަދު ހާޒިރުކޮށް އަޑުއެހުން ކުރިއަށް ގެންގޮސްފި އެވެ.

ގާޒީ ނައީމް ޖޭއެސްސީ އަށް ހާޒިރު ކުރިކަން އެ ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ކޮމިޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނައީމް ހާޒިރުކޮށް މިއަދު ހަމައެކަނި ކުރިއަށް ގެންދިޔައީ މައްސަލައިގެ އަޑުއެހުމެއް ކަމަށާއި އެކަމަށް ގޮތެއް ނުނިންމާ ކަމަށެވެ.

ގާޒީ ނައީމްގެ މައްސަލަ ޖޭއެސްސީން މި ބަލަނީ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދަށް ރުހުން ނުލިބެނީސް ދައުލަތް ހިމެނޭ އެއްވެސް މައްސަލައެއް ނުބައްލަވާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ. ގާޒީ ނައީމް އެގޮތަށް ނިންމަވާފައި އެ ވަނީ ސިވިލް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނާއި ހައި ކޯޓުން ވެސް އެފަދަ މައްސަލަތައް ބެލޭނެ ކަމަށް ނިންމާފައި ވަނިކޮށެވެ.

ބަންޑާރަ ނައިބަށް ރުހުން ނުދެނީސް މައްސަލަ ނުބައްލަވަން ގާޒީ ނައީމް ނިންމަވާފައިވާ އިރު ބަންޑާރަ ނައިބު ކަމަށް ޑރ. ސަވާދުގެ ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ.