ޕްރެޒިޑެންޓް ކަޕްގައި ކުޅުދުއްފުށީ ގުރޫޕްގައި މިއަދު ކުޅުނު މެޗްގައި 1-0 ގެ ނަތީޖާއަކުން މަހިބަދޫ ބަލިކޮށް ބީޖީން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާ ކޮށްފިއެވެ.

އެ މެޗަށް ދެ ޓީމް ނިކުތް އިރު ދެ ޓީމް ވެސް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާއިރު އެ މެޗުން މޮޅުވުމުން ބީޖީއަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާވެފަ އެވެ.

އެ މެޗުން މަހިބަދޫ ބަލިވިއިރު އެޓީމަށް ބާކީ އޮތީ ނިއުރޭޑިއަންޓަ ދެކޮޅަށް ކުޅޭ މެޗް އެކަންޏެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ދެޓީމްގެ ފަރާތުން ވެސް ފެނިފައި ވަނީ ހަމަހަމަ ކުޅުމެކެވެ. ބީޖީގެ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ހަމްދާންއެވެ.

ގުރޫޕްގައި މާދަމާ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ނިއުއާ ޓީސީއެވެ.