19 Sep 2015, 12:07
ގާނޫނު ހަދާ މަޖިލީހުގެ ތާއިދާ އެކު އަންނަ އަހަރުން ފެށިގެން މަރުގެ އަދަބު ގާއިމް ކުރައްވާނެ ކަމަށް ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ސިރިސޭނާ އެހެން ވިދާޅުވެފައި މި ވަނީ، އެގައުމުގެ ކޮޓަޑެނިޔަވާގައި އުމުރުން ފަސް އަހަރުގެ ކުއްޖަކު ވަގަށް ނެގުމަށް ފަހު އެ ކުއްޖާއަށް ޖިންސީ އަނިޔާކޮށް މަރާލި މައްސަލައާ ގުޅިގެން އެކުއްޖާގެ ގާތިލް ހޯދައި ހައްޔަރުކޮށް އޭނާ އަށް މަރުގެ އަދަބު ދިނުމަށް ގޮވާލައި ގިނަ ބަޔަކު އަޑު އުފަލަމުންދާ ދަނޅިވަޅެއްގަ އެވެ.
ގޯލް މުނިސިޕަލް ކައުންސިލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސިރިސޭނާ ވިދާޅުވީ މަރުގެ އަދަބު ދިނުމަށް ސަރުކާރުން ނިންމެވީ ރޭޕްގެ ތަފާތު މައްސަލަތަކާއި އަދި ދާދި ފަހުން އެގައުމުގެ އަކަރަންގަހާގެ ޖިންސީ އަނިޔާކޮށް މަރާލި ތުއްތު ކުއްޖާގެ މައްސަލައާ ގުޅިގެން ކަމަށެވެ.
"އަޅުނގަޑަށް ލިބިފައިވާ ބާރުގެ ބޭނުން ކޮށްގެން މަރުގެ އަދަބު ވަގުތުން ދިނުމަށް ނިންމިދާނެ. ނަމަވެސް އަޅުނގަޑަށް ވިސްނުނީ މަރުގެ އަދަބު ދިނުމުގެ ކުރިން ގާނޫނު ހަދާ މަޖިލިހާ މަޝްވަރާކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް،" ސިރިސޭނާ ވިދާޅުވި އެވެ.
އުމުރުން ފަސް އަހަރުގެ ސެޔާ ސަންދެވްމީ އަށް ޖިންސީ އަނިޔާކޮށް މަރާލާފައި އޮތްވައި މި ދިޔަ ހުކުރު ދުވަހު ފެނިފައި ވަނީ އެ ކުއްޖާ އުޅޭ ގޭ ކައިރީގައި އޮންނަ ކެނަލް އެއްގެ ކައިރީގައި އޮތްވަ އެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އަދި އެމެރިކާގައި ވެސް މަރުގެ އަދަބު ދެމުން ގެންދާ ކަމަށް ފާހަގަކުރައްވައި ލަންކާގެ ރައީސް ވިދާޅުވީ، މަރުގެ އަދަބު ދިނުމަށް ގައުމަކުން ނިންމުމުން އެކަމާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރާނެ ކަމަށެވެ. ނަމަވެސް މަރުގެ އަދަބު ދިނުމާ ދެކޮޅު ނަހައްދަވާނެ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުން ފަށައިގެން މަރުގެ އަދަބު ދެއްވާނެ ކަމަށް ސިރިސޭނާ ވިދާޅުވެފައިވާ އިރު، މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ގައުމަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯއްދަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.