ދުބާއީގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި 'ޓެލެކޮމްސް ވޯލްޑް މިޑްލް އީސްޓް އެވޯޑް 2015' ގައި މެދު އިރުމަތީގެ އެންމެ ރަނގަޅު އޮޕަރޭޓަރުގެ އެވޯޑާއި އެންމެ ރަނގަޅު ސީއީއޯ އެއް ހުރި މުއާސަލާތީ ކުންފުންޏަކަަށްދޭ އެވޯޑް އުރީދޫ އަށް ލިބިއްޖެއެވެ.

އުރީދޫ އަށް އެންމެ ރަނގަޅު އޮޕަރޭޓަރުގެ އެވޯޑް ލިބުނީ އެ ކުންފުނިންދޭ ފޯޖޯ ޕްލަސް އަދި ފޯޖީގެ ޚިދުމަތާއި އަދި އެ ކުުންފުނީގެ ކަސްޓަމަރުންގެ އިތުރުވަމުންދާ ވަރު ބަލާފައި ކަމަށް އުރީދޫ އިން ބުންޏެވެ. އޭގެ އިތުރުން އެ އެވޯޑު ދީފައި ވަނީ ސިއްހީ ދާއިރާ އާއި ދަތުރުފަތުރުގެ ދާއިރާ އާއި މުނުފޫހިފިލުވުމުގެ ދާއިރާގައި މުއާސަލާތީ ޚިދުމަތް ބޭނުންކޮށްގެން ތަރައްގީކުރުމަށް އުރީދޫ އިން ކުރާ މަސައްކަތަށް ބަލާފައި ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

'ޓެލެކޮމްސް ވޯލްޑް މިޑްލް އީސްޓް އެވޯޑް 2015' ގައި އެއްމެ ރަނގަޅު ސީއީއޯގެ އެވޯޑް އުރީދޫގެ ޑރ. ނަސީރު މަރަފީ އާއި ހަވާލުކުރަނީ -- ފޮޓޯ: އުރީދޫ

އެއްމެ ރަނގަޅު ސީއީއޯގެ އެވޯޑް ލިބިފައި ވަނީ އުރީދޫ ގްރޫޕްގެ ސީއީއޯ ޑރ. ނަސީރު މަރަފީ އަށެވެ. 1994 ފެށިގެން އުރީދޫގައި މަސައްކަތް ކުރައްވަން ފެއްޓެވި ޑރ. ނަސީރު އުރީދޫގެ ސީއީއޯ ކަމާއި ހަވާލުވީ 2006 ވަނަ އަހަރުއެވެ.

މި އަހަރު ތެރޭ އުރީދޫ އިން ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބޭ ކަސްޓަމަރުންގެ އަދަދު 114 މިލިއަނަށް އެރުމާއި މޯބައިލް އިންޓަނެޓް ހިދުމަތް ތަރައްގީކުރުން ހިމެނޭ ކަމަށް އުރިދޫ އިން ބުންޏެވެ.

އޭގެ އިތުރުން ފޯޖީ ޕްލަސްގެ ހިދުމަތް ގަތަރު، ކުވެއިތަށް ދިނުމާއި ފޯޖީގެ ހިދުމަތް އޮމާން ޓިއުނޭޝިއާ އަދި ރާއްޖެ އަށް ދީފައިވާ ކަަމަށް އުރީދޫން ބުންޏެވެ.

އެ ދެ އެވޯޑް ރަމްޒްކޮށްދެނީ އުރީދޫ ކަސްޓަމަރުންގެ ދިރިއުޅުމުގައި އުރީދޫގެ ދައުރުގެ ފުޅާކަން ކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ.

ފާއިތުވި އަހަރު އުރީދޫ އަށް އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.