އަޟްހާ އީދު ޗުއްޓީއަށް އަތޮޅުތަކަށް ދަތުރުކުރާ އުޅަނދުތަކުގެ ތެރެއިން 62 އުޅަނދެއް ބަލައި ފާސްކޮށް، 19 އުޅަނދެއްގެ ސަލާމަތީ ކަންކަން ސިފައިންގެ އެދުމުގެ މަތިން އިސްލާހުކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑު ސިފައިން ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަންގައި މިހާތަނަށް ޗެކްކުރި އުޅަނދުތަކުގެ ތެރެއިން 20 އުޅަނދެއްގައި ސަލާމަތީ މައްސަލަ ހުރިކަން ފާހަގަކުރެވިގެން، ދަތުރުކުރުމުގައި ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 19 އުޅަނދެއްގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށްފަހު މާލެއިން ފުރުމުގެ ހުއްދަ އެ ފަރާތްތަކަށް ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޯސްޓްގާޑުން ހިންގަމުންދާ އޮޕަރޭޝަންގައި، ސިފައިން ދަނީ އޮޑި ދޯނިފަހަރަށް އަރައި، ލައިފް ޖެކެޓާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި މުވާސަލާތީ ވަސީލަތްތަކާއި މުދަލާއި ޕަސިންޖަރުން އުފުލުމުގައި ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

އޮޕަރޭޝަންގައި ކޯސްޓްގާޑުން ބަލާ ޗެކްކުރި އުޅަނދުތަކުގެ ތެރެއިން 37 އުޅަނދެއްގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.