ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކުރަން ދައުލަތުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވާތީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ނަޝީދުގެ އިސްތިއުނާފު މައްސަލަ ބަލައިގަތުމުގެ ހުއްދަދެވެން ނެތް ކަމަށް ނިންމި ނިންމުން ދިރާސާކުރި އިރު، އެ ނިންމުމަށް ވާސިލުވުމަށްޓަކައި ހައިކޯޓުން ގާނޫނު ތަތްބީގުކޮށްފައި ވަނީ އެންމެ ރަނގަޅަށްކަމަށް އެ އޮފީހުން ނުދެކޭ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާއިން ބާރު ލިބިގެން ކަމަށެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ ހައްގު ރައީސް ނަޝީދަށް އޮތް ކަމަށް ހައިކޯޓުން ކަނޑައެޅިއިރު އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފު ކޮށްފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ހަމައެހެންމެ ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލާގައި ބައިވެރިވެ އިސްތިއުނާފު ކުރިއަށްގެންދިޔުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެއްބާރުލުންދީފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"މީގެއިތުރުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުން ގާނޫނާ ޚިލާފު ނުވަތަ ބާތިލް އިޖުރާއަތަކަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ހިންގާފައިވާކަން ދައްކުވައިނުދޭ ކަމަށް ވެސް ހައިކޯޓުން ނިންމަވާފައިވެއެވެ. އެހެންކަމުން ގ. ކެރެނީގޭ މުހައްމަދު ނަޝީދުގެ ފަރާތުން އެ އިސްުތިއުނާފު ހުށަހަޅާފައިނުވާތީ އިސްތިއުނާފު ބަލައިގަނެވެން ނެތް ކަމަށް ވެސް އެ ކޯޓުން ކަނޑައެޅުއްވިއެވެ. މި ސަބަބަބުތައް މިހެން ހުރުމުން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިލްތިމާސްގައި، ޖިނާއީ މައްސަލައެއް އިސްތިއުނާފަށް ހުށަހެޅުމުގެ ދުސްތޫރީ ބާރު ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ކަމަށް ފާހަގަކޮށްފައިވާނެ އެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ މުއްތަހަމުގެ މައްޗަށް ކޯޓުތަކުން އިއްވާ ހުކުމްތައް ރަނގަޅުގޮތުގައި ދެމިއޮތުން ކަށަވަރުކުރުމަކީ ޝަރުއީ ނިޒާމުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ޝަރީއަތުގެ އިޖުރާއީ އިންސާފާ ބެހޭގޮތުން ބައެއްކަންކަން ފާހަގަކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދެކެނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމަވަން ވާނީ ދައުވާ ކުރާ ފަރާތަކީ ނުވަތަ ދައުވާ ލިބޭ ފަރާތަކީ ކޮންމެ ފަރާތަކަށް ކަމަށް ވިޔަސް ގާނޫނުތަކާ އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް ކަމަށެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.