18 Sep 2015, 14:46
ދުނިޔޭގެ ގައުމުތަކުގެ ޖައްވު ނުސާފުވުމުގެ ސަބަބުން އަހަރެއްގެ މައްޗަށް ތިން މިލިޔަން މީހުން މަރުވާކަން ކަމާބެހޭ ދިރާސާއަކުން ހާމަވެއްޖެ އެވެ.
މިދިރާސާކުރި ރީސާޗަރުންގެ ޓީމުގައި ހިމެނޭ ސައެންސްވެރިއެއް ކަމަށްވާ ޖޯސް ލިލިވިލްޑް ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގައި އެންމެ ޖައްވު ނުސާފު ގައުުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، ހުޅަނގު ޔޫރަޕްގެ ގައުމުތަކާއި އެމެރިކާގެ އިތުރުން ޖަޕާނާއި އިންޑިޔާއާއި ދެކުނު ކޮރެޔާ އެވެ. މިގައުމުތަކުގެ ޖައްވުގައި 0.00025 މިލިމީޓަރުގެ ކުދިކުދި އެތިކޮޅުތައް ގިނަވުމުގެ ސަބަބުން ވައިނުސާފުވެ ނޭވާލާ ނިޒާމުގެ ތެރެއިން އެތަކެތި އިންސާނުންގެ ހަށިގަނޑުގެ ތެރެއަށްގޮސް ބޮޑެތި ސިއްޙީ މައްސަލަތަކާ ކުރިމަތިލާންޖެހި އެންމެފަހުން އޭގެތެރެއިން އެތަށްބައެއްގެ ފުރާނަ ގެއްލުމަށް މަގުފަހިވެގެންދާކަމަށް މިދިރާސާ ބުނެ އެވެ.
ލިލިވިލްޑް ވިދާޅުވި ގޮތުގައި އެމެރިކާގެ ޖައްވު ނުސާފުކުރާ އެންމެ ނުރައްކާތެރި ގޭސްތަކަކީ އެމެރިކާގެ ކާރުތަކުންނާއި ކާރުޚާނާތަކުންނާ އަދި ކަރަންޓް އުފައްދާ ސްޓޭޝަންތަކުން އަރާ ދުންތަކެވެ. މީގެތެރޭގައި ކާބަން ޑައޮކްސައިޑާއި އެނޫންވެސް ވިހަގޭސްތައް ހިމެނެ އެވެ. މިގޭސްތަކުގައި 0.00025 މިލިމީޓަރު ނޫނީ އެއަށްވުރެ ކުދިކުދި އެތިކޮޅުތައް ގިނަވުމުގެ ސަބަބުން އެގޭސްތަކަކީ އިންސާނުންގެ ފުރާނައަށް ނުރައްކާކުރާ ގޭސްތަކެއްކަން އެހެން ދިރާސާތަކުންވެސް ހާމަވެފައިވެ އެވެ.
ދުނިޔޭގެ ސިނާޢީ ކުރިއެރުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ 2050 ވަނަ އަހަރާ ހަމައަށްދާއިރު ޖައްވު ނުސާފުވުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި އަހަރެއްގެ މައްޗަށް ހަ މިލިޔަން މީހުން މަރުވާނެކަން ސައެންސްވެރިން ލަފާކުރެ އެވެ. (އާރުޓީ ޑޮޓްކޮމް)