ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. އަހުމަދު އަލީ ސަވާދުގެ ނަން ދެ ވަނަ ފަހަރަށް ރައްޔިތުންގެ މަލީހަށް ފޮނުއްވުމުން ވެސް މަޖިލީހުން އޭނާގެ ނަން ދެ ވަނަ ފަހަރަށް ވެސް ފެއިލްކޮށްލައިފި އެވެ.

ފަސް ވަޒީރެއްގެ މައްޗަށް ރުހުން އޮތްތޯ ބެލުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި، ބަންޑާރަ ނައިބަކަށް ޑރ. ސަވާދު ބަހައްޓަން ނުފެންނަ ކަމަށް ފާސްވީ އެ ވަގުތު މަޖިލީހުގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 37 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ނަން ފާސްކުރުމަށް މަދުވެގެން 37 ވޯޓު ބޭނުންވި އިރު، ސަވާދާ އެއްކޮޅަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ. އެހެންކަމުން އެނަން ފެއިލްވެފައި މިވަނީ އެންމެ ވޯޓެއް މަދުވެގެންނެވެ.

ނަމަވެސް، ދެން ވޯޓަށް އެއްސެވި ހަތަރު ވަޒީރުންގެ ނަން ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ރުހުން ނުދޭނެ ކަމަށް ބުނި ތިން ވަޒީރުންގެ ތެރޭގައި ހިމެނޭ ހޯމް މިނިސްޓަރު ހަސަން އަފީފާއި ޓްރާންސްޕޯޓް މިނިސްޓާ އާދިލް ސަލީމް ވެސް ހިމެނެ އެވެ. ރުހުން ނުދޭނެ ކަމަށް ބުނި ތިން ވަނަ ވަޒީރަކީ އޭޖީ ސަވާދެވެ.

ހޯމް މިނިސްޓަރަކަށް އަފީފަށް ރުހުން އޮތް ކަމަށް، 74 މެންބަރުންގެ ތެރެއިން37 ވޯޓު ދެއްވި އެވެ. އެއީ އެނަން ފާސްވާން ބޭނުންވާ އެންމެ މަދު އަދަދެވެ. ނަމަވެސް އަފީފާ ދެކޮޅަށް 35 މެންބަރުން ވޯޓު ދެއްވައިފައިވާ އިރު، ވަކިކޮޅަކަށް ވޯޓުން ދޭން ބޭނުންނުވާ އެއް މެމްބަރަކު އިންނެވި އެވެ.

އާދިލް ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށް ފާސްވީ މަޖިލީހުގެ 74 މެންބަރުންގެ ތެރެއިން 39 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި އޭނާއާ ދެކޮޅަށް 34 ވޯޓު ދެއްވާފައިވެ އެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާގެ ނަން ފާސްކޮށްފައި ވަނީ 74 މެންބަރުންގެ ތެރެއިން 71 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެންމެ މެންބަރަކު އިންނެވި ނަމަވެސް ޒުލްފާގެ ނަން ފާސް ނުކުރުމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ޝިފާ މުހައްމަދު އިންނެވުމަށް ރުހުން ދީފައި ވަނީ، 74 މެންބަރުންގެ ތެރެއިން 66 މެންބަރުން ނެވެ. އެނަން ފާސް ނުކުރުމަށް ހަ މެންބަރަކު ވޯޓު ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެންމެ މެންބަރަކު އިންނެވި އެވެ.

ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ބަހުސްގައި ވެސް، ސަވާދަށާއި އަފީފަށް ރުހުން ނުދޭނެ ކަމަށް އިދިކޮޅު ޕާޓީގެ މެމްބަރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް ވިދާޅުވީ، އަފީފާއި ސަވާދާ ދެކޮޅަށް މިއަދުގެ ޖަލްސާގައި ވިޕް ނެރުނީ ވަކި މީހެއްގެ މޫނަށް ކަނދުރާ އަށް ބަލައިގެން ނޫންކަމަށާއި އެބޭފުޅުންގެ މަސައްކަތްޕުޅާއި އަމަލްތަކަށް ބަލައިގެންކަމަށެވެ.

"ހަސަން އަފީފަކީ މުޅި މިގައުމަށް ހުރި ބިރުވެރިކަމެއް. އެތައް ފަހަރެއްގެމަތިން ގާނޫނާ ހިލާފަށް ފުލުހުން ބޭނުންކުރައްވައިގެން ގާނޫނާ ހިލާފް މަސއްކަތްތަކެއް ކުރައްވަން މަސައްކަތްކުރެއްވިތަން ފެނުނު. އެއީ ގާނޫނާ ހިލާފް މަސައްކަތްތަކެއްކަން ކޯޓުން ވަނީ ނިންމައިފަ. ލޯކަލް ގަވަމަންޓް އޮތޯރިޓީގައި އެކަނި ހުންނަވައިގެން ކަންތައް ނުނިންމޭނެކަމަށް ކޯޓުން އަމުރު ނެރެފައިވީ ނަމަވެސް އަފީފު ގެންދަވަނީ ކައުންސިލްތަކަށް ބިރު ދައްކަމުން. ޔަގީންކަން އެބޮތް އޭނާ އަށް ރުހުންދީފި ނަމަ ލޯކަލް ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެކަން ވަނީ ރައްޔިތުންނަށް ވަރަށްބޮޑު ނިކަމެތިކަމަކަށް" ރޮޒެއިނާ ވިދާޅުވި އެވެ.

އަދި ޑރ. ސަވާދާ ގުޅޭ ގޮތުން ރޮޒެއިނާ ވިދާޅުވީ، މަޖިލީހުގެ ރުހުމާނުލައި ވަޒީރުންނަށް ތިބެވޭނެކަމަށް ވަކާލާތު ކުރެއްވުމުގެ އިތުރަށް ސިވިލްސާވިސް މުވައްޒިފުންގެ މުސާރަ ގާނޫނާ ހިލާފަށް ހިފޭއްޓުމާއި، ހުރިހާ ވަޒީރުން އިސްތިއުފާދެއްވައި ރާއްޖޭގެ މަސްރަހު ހަލަބޮލިކޮށް ސިޔާސީ އިސް ދެ ބޭފުޅަކު ބަންދުކޮށްފައި ވަނީ ސަވާދުގެ ލަފާގެމަތިން ކަމަށާއި އެކަންކަމަކީ އޭނާގެ މުސްތަގިއްލުކަމާމެދު ސުވާލުއުފެދޭ ކަންތައްތައް ކަމަށެވެ.

ސަވާދުގެ ނަން ފެއިލްކޮށްލުމަށް ފަހު، ހަތަރު ވަޒީރަކަށް މަޖިލީހުން ރުހުން ދިނީ، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބަޔަކު ވަޒީރުންގެ މަޖިލީހުގައި ހިމަނައިދެއްވުމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ މެންބަރުންނަށް ގޮވައިލައްވައިފައި ވަނިކޮށެވެ.
----------------------

ބަންޑާރަނައިބަކަށް ޑރ. އަހްމަދު އަލީ ސަވާދު ނުފެންނަ ކަމަށް ފާސްކޮށްފި އެވެ. ސަވާދުގެ ނަން ފާސްކުރަން މަދުވެގެން 37 ވޯޓު ބޭނުންވާއިރު، އޭނާއަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ. ނުފެންނަ ކަމަށް 37 އެވެ. ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާ އެއްވެސް މެމްބަރަކު ނެތެވެ.

އެޑިޔުކޭޝަން މިނިސްޓަރަކަށް ޝިފާ މުހައްމަދު ފެންނަ ކަމަށް ފާސްކޮށްފި އެވެ. އޭނާ އަށް ލިބުނީ 66 ވޯޓެވެ. ނުފެންނަކަމަށް ހަ މެމްބަރުން ވޯޓުދެއްވިއިރު، ވަކިކޮޅަކަށް ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ މެމްބަރަކެވެ.

ހޯމް މިނިސްޓަރަކަށް ހަސަން އަފީފަށް ރުހުން އޮތް ކަމަށް ފާސްކޮށްފި އެވެ. އޭނާ އަށް ލިބުނީ، ނަން ފާސްކުރަން ބޭނުންވާ އެންމެ މަދު އަދަދުކަމުގައިވާ 37 ވޯޓެވެ. ދެކޮޅަށް 35 މެމްބަރުން ވޯޓުދެއްވިއިރު، ވަކިކޮޅަކަށް ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މަރިޔަމް ޒުލްފާގެ ނަން ފާސްކޮށްފި އެވެ. އޭނާ އަށް ލިބުނީ 71 ވޯޓެވެ. ވަކިކޮޅަކަށް ވޯޓުދެއްވަން ބޭނުންނުވާ އެއް މެމްބަރަކު އިންނެވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރަކަށް އާދިލް ސަލީމަށް ރުހުން ދީފި އެވެ. އޭނާ އަށް ލިބުނީ 39 ވޯޓެވެ. އަދި ދެކޮޅަށް 34 ވޯޓު ލިބުނުއިރު، ވަކިކޮޅަކަށް ވޯޓުދޭން ބޭނުންނުވާ އެއްވެސް މެމްބަރަކު ނެތެވެ.