ދިމިޝްގު (ސެޕްޓެމްބަރު 18): ރަޝިޔާގައި އުފައްދާ އެންމެ ޒަމާނީ ހަތިޔާރު ލިބެމުންދާކަން ސޫރިޔާ އިން ހާމަކޮށްފި އެވެ.

ސޫރިޔާގެ ދިފާއީ ދާއިރާތައް ބުނާ ގޮތުން ރަޝިޔާގައި އުފައްދާ އެންމެ ޒަމާނީ ބަރުހަތިޔާރު ސޫރިޔާ އަށް ލިބެމުންދާއިރު އެހަތިޔާރުތައް ބޭނުންކުރުމުގެ ތަމްރީންތައް ވެސް ރަޝިޔާގެ މުދައްރިބުންގެ ފަރާތުން ސޫރިޔާ ސިފައިންނަށް ދަނީ ލިބެމުންނެވެ. ރަޝިޔާ އިން ވެސް ވަނީ އެ ގައުމުން ސޫރިޔާއަށް ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ ފޯރުކޮށްދެމުންގެންދާކަން ހާމަކޮށްފަ އެވެ.

ރަޝިޔާގެ ޚާރިިޖިއްޔާ އިން ބުނެފައި ވަނީ އައިއެސް ޖަމާއަތް ފަދަ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތަކުގެ އަތްދަށަށް ސޫރިޔާ ސަރުކާރު ވެއްޓިގެންދިޔުމުގެ ބިރު ހީވެފައިވާ މިދަނޑިވަޅުގައި ސޫރިޔާ އަށް އަސްކަރީ ޓެކްނޮލޮޖީ ފޯރުކޮށްދެމުން ގެންދާކަމުގަ އެވެ. ނަމަވެސް ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ރަޝިޔާ ސިފައިންގެ ސީދާ ގޮތެއްގައި ބައިވެރިވަމުން ނުދާކަމަށް ރަޝިޔާ ބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާގެ އެންމެ ފަހުގެ ފައިޓާ ޖެޓް މަތިންދާބޯޓުތަކާއި ޓޭކްނާއި ރޮކެޓް ފަދަ ބަރުހަތިޔާރު އައިއެސްއާއި އެނޫން ވެސް ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް ސޫރިޔާ ސިފައިން ގެންދަނީ ބޭނުން ކުރަމުންނެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލުމަށް އެތައް ސަތޭކަ ޖަމާއަތަކުން ހަނގުރާމަ ކުރަމުން ގެންދާ އިރު މިޖަމާއަތްތަކުން ވަނީ ސޫރިޔާގެ ބިމުގެ ބޮޑުބައެއް ހިފާފަ އެވެ. ނަމަވެސް މިއިން ކޮންމެ ޖަމާއަތަކީ ވެސް އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ ދުޝްމަން ހަތުރުވެރި ޖަމާއަތްތަކެއްކަމުން ބައްޝާރުގެ ސަރުކާރު ވައްޓާލުމުގައި މި ޖަމާއަތްތައްވަނީ ނާކާމިޔާބު ވެފަ އެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ހަތަރު އަހަރު ވެފައިވާއިރު ސޫރިޔާގެ އާބާދީގެ ދެބައިކުޅަ އެއްބައަށްވުރެވެސް ގިނަމީހުން ހާލުގައިޖެހި އިންސާނީ އެހީއަށް ބޭނުންވެފައިވެ އެވެ. އަދި އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ވަނީ ގެދޮރުގެއްލި ރެފިއުޖީންނަށް ވެފަ އެވެ. މި ރެފިއުޖީންގެ ގިނަބަޔަކު ގައުމު ދޫކޮށް އަވަށްޓެރި ގައުމުތަކަށާއި ޔޫރަޕަށް ހިޖްރަކުރަމުންދާ އިރު ތިން ލައްކައެއްހާ ސޫރިޔާގެ ރައްޔިތުން ވަނީ މިހަނގުރާމައިގާ މަރުވެ ފަނާވެގެން ގޮސްފަ އެވެ. (ރޮއިޓާސް)