މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައިވައިގަދަވެ، ކަނޑުތައް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސެންޓަރުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ޚާއްސަކޮށް އުތުރާއި މެދުތެރޭ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު މިއަދާއި މާދަމާ އެކި ރަށްރަށް ރަށަށް ދަތުރުކުރުމަށް ހަމަޖެހިފައިވީ ނަމަވެސް މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ފުލުހުންނާއި އެމްއެންޑީއެފްއިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި މެދުތެރެއާއި އުތުރުގެ ބައެއްރަށް ތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ،" މެޓް އޮފީހުން ބުންޏެވެ.

އީދު ބަންދަށް ރަށްރަށަށް ކަނޑުދަތުރުތަކުގައި ވަޑައިގަންނަވާ ބޭފުޅުން ސަލާމަތީކަންކަން ފުރިހަމަކޮށް އެ އުޅަދަކާއި އެކަށީގެން ނުވާ ވަރަށް މުދަލާ މީހުން ނޭރުވުމަށް ޓްރާސްޕޯޓް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އުޅަދުތައް ބަލައި ފާސްކުރުމުގައެ އެމްޑީއެފުން ހަރަކާތްތެރިވާނެ ކަންވެސް ވަނީ އަންގާފަ އެވެ.