18 Sep 2015, 10:46
ނުރައްކާތެރި ރޯގާއެއް ކަމަށްވާ މާސް ވައިރަސް ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު ވޭތުވެ ދިޔަ މަސްތަކާއަޅާ ބަލާ އިރު މި މަހު މަދުކަމަށް ސައުދި އަރަބިއާގެ ހެލްތު މިނިސްޓަރު ހާލިދު އަލް ފާލިހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ހައްޖުވުމަށް ވަނީ މައްކާއަށް ގޮސްފަ އެވެ. ސައުދީ ހެލްތު މިނިސްޓަރު ފާލިހު ވިދާޅުވީ އިއްޔެއާ ހަމައަށް މި މަހު މިހާތަނަށް މާސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ ދެ ކޭސް ކަމަށެވެ. އެއީ ވޭތުވެ ދިޔަ މަސްތަކާ އަޅާ ބަލާ އިރު ވަރަށް ބޮޑުތަން ދަށް އަދަދެއް ކަމަށް ފާލިހު ވިދާޅުވި އެވެ.
ހޮސްޕިޓަލުތަކުގައާއި ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓްރެފިކް ޕޮލިހުން އަދި ސިފައިން ވެސް އަނގައާއި ނޭފަތް ބަންދުވާގޮތަށް މާސްކް އަޅައިގެން އުޅުމަށް ސައުދީ ހެލްތު މިނިސްޓްރީން ވަނީ އަންގާފަ އެވެ. އަދި މީހުން ގިނަ ހިސާބުތަކުގައި އެންމެވެސް މާސްކް އަޅައިގެން އުޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
"މާތްﷲގެ ރަހުމަތާއި ހެލްތު މިނިސްޓްރީގެ މަސައްކަތުން ހައްޖާޖީންނަށް މާސް ރޯގާގެ އަސަރު ނުކުރުން އުންމީދަކީ." މިނިސްޓަރު ފާލިހު ވިދާޅުވި އެވެ.
މިއަހަރުގެ މިހާތަނަށް މައްކާ އަށް ހައްޖަށް ދިޔަ މީހުންގެ އަދަދު 1.2 މިލިއަނަށް އަރަ އެވެ. މިނިސްޓަރު ފާލިހު ވިދާޅުވީ މައްކާގެ އިތުރުން މަދީނާގައި މާސް ރޯގާ ޖެހިގެން ރިޕޯޓު ކުރި ހަތް މީހަކު ސައުދީގެ ރިޔާޒަށް ފޮނުވާލާފައިވާ ކަމަށާއި އެގޮތަށް ކަން ކުރީ ހައްޖުވެރިން މާސް ރޯގާއިން ސަލާމަތް ކުރުމަށް ކަމަށެވެ.
ހައްޖު ސީޒަނަށް ހާއްސަކޮށްގެން ސައުދީ ސަރުކާރުން ވަނީ 25،000 މެޑިކަލް ސްޓާފުން ހިދުމަތަށް ނެރިފަ އެވެ.
މައުލޫމާތު: ރޮއިޓާސް