18 Sep 2015, 10:32
މައްކާގެ ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް ނިނުމާ ކައިރިވުމާ ގުޅިގެން ހައްޖު ކޯޓާ ފަސް މިލިއަނަށް އިތުރުކުރާނެ ކަމަށް ސައުދީ ހައްޖު މިނިސްޓްރީ އިން އިއުލާނުކޮށްފި އެވެ.
އެކި ގައުމުތަކުން ހައްޖަށް ދާ މީހުންގެ އަދަދު ގިނަ އަހަރުތަކެއް ވަންދެން މަދުވެފައި ވަނީ މައްކާގެ ހަރަމްފުޅު ބޮޑުކުރުމަށް ކުރަމުންދާ ކޮންސްޓްރަކްޝަން މަސައްކަތުގެ ސަބަބުންނެވެ.
ސައުދީ ހައްޖު މިނިސްޓްރީއާ ހަވާލާދީ ސައުދީގެ ނޫސްތަކުގައި ބުނެފައި ވަނީ މީގެ ކުރިން ދެ މިލިއަން މީހުންނަށް ކޯޓާ ދޫކޮށްފައިވީ ނަމަވެސް ފެށޭ އަހަރުން ފެށިގެން އެ އަދަދު އިތުރުވެގެންދާނެ ކަމަށެވެ.
"ފެށޭ އަހަރުން ފެށިގެން ހައްޖާޖީންނަށް ދޫކުރާ ކޯޓާގެ އަދަދު ފަސް މިލިއަނަށް އިތުރުވެގެން ދާނެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އުމުރާވާ މީހުންނަށް ދޫކުރާ ކޯޓާގެ އަދަދު 30 މިލިއަނަށް އަރާނެ،" ސައުދީ ހައްޖު މިނިސްޓްރީ އިން ބުނެފައިވެ އެވެ.
ވޭތުވެދި އަހަރުތަކުގައި ސައުދީ އަރަބިއާގެ ހައްޖު މިނިސްޓްރީން ވަނީ މައްކާއަށް ހައްޖުވުމަށް ދާން ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ގިނަ ޕްރޮޖެކްޓްތަކެއް ހިންގާފަ އެވެ.
އޭގެ ތެރޭގައި ޖަމްރާތަކަށް ހިލަ އުކުން ފަސޭހަ ކުރުމުގެ ގޮތުން ޖަމްރާތައް ކައިރީގައި ހަދާފައިވާ ބްރިޖުގެ މަސައްކަތާއި ތަވާފްކުރާ ސަރަހައްދުގެ ތެރޭގައި މަތިމައްޗަށް ދެ ވައްބުރު (ރިންގު) ހަދުމުގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.
ސައުދީ ހައްޖު މިނިސްޓްރީން އެކަން އިއުލާނުކޮށްފައި މިވަނީ ހަރަމްފުޅުގައި ކްރޭނެއް ވެއްޓި ހިނގައި ދިޔަ ހާދިސާއެއްގައި 115 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ.