18 Sep 2015, 10:52
ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުޅުނު ބޮޑު 18 މުބާރާތެއްގައި ބްރެޒިލް ކުޅުނު މެޗުތައް ބަލަން ގޮސްފައިވާ އެ ޓީމުގެ އެންމެ ވަރުގަދަ އެއް ސަޕޯޓަރު ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.
ބްރެޒިލްގެ މީޑިއާ އައުޓްލެޓް، ގްލޯބޯ އިން ބުނާ ގޮތުން އުމުރުން 60 އަހަރުގެ ކްލޯވިސް އެކޯސްޓާ ފެނާންޑެސް މަރުވެފައި ވަނީ ކިޑްނީ ކެންސަރު ބަލީގައި ނުވަ އަހަރު ހޭދަކުރުމަށްފަހު އެވެ.
ބްރެޒިލް ކުޅޭ މެޗުތައް ބެލުމަށް އަމިއްލަ ފިއްޒާ ރެސްޓޯރެންޓް ވިއްކާލުމަށް ފަހު، ފުޓްބޯޅައިގެ ވެސް އެންމެ މަޝްހޫރު ސަޕޯޓަރުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ފެނާންޑެސް ވަނީ ބްރެޒިލް ކުޅުނު 150 އަށްވުރެ ގިނަ މެޗު ބެލުމަށްޓަކައި ދުނިޔޭގެ ތަފާތު 60 ގައުމަކަށް ދަތުރުކޮށްފަ އެވެ.
އެގޮތުން، ބްރެޒިލްގެ މެޗުތައް ބެލުމަށް 1990 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރަމުން އަންނަ ގައުޗާ ވަނީ، ބްރެޒިލް ކުޅުނު ހަތް ވޯލްޑް ކަޕެއްގެ އިތުރުން ހަ ކޮޕާ އެމެރިކާ އަކާއި ހަތަރު ކޮންފެޑަރޭޝަންސް ކަޕު އަދި އެއް އޮލިމްޕިކް ގޭމްސް ބަލާފަ އެވެ.
"އަހަރެން ކުޑަ އިރު ހަނދާންވޭ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލް ކާމިޔާބު ކުރި އިރާއި އެކަމުގައި އަހަރެން ބައިވެރިވާން ބޭނުންވާ ވަރު. އެކަމަކު އޭގެ 20 އަހަރު ފަހުން އަހަންނަށް އެކަން ހަމަލޮލުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބުނީ،" މިދިޔަ އަހަރުގެ ފީފާ އިން ހެދި ޑޮކިއުމަންޓަރީ ފިލްމަކަށް ފެނާންޑޭސް ބުނެފައިވެ އެވެ.
އެންމެ ގިނަ ބައެއް ސަމާލުކަން ފެނާންޑޭސް އަށް ލިބިފައި ވަނީ، މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގެ ސެމީފައިނަލު މެޗުގައި އެއަހަރުގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށް ކުޅެ 1-7 ބްރެޒިލް ބަލިވުމުން އޭނާ އަށް ފެންކަޅިވެ ރޮވުނު ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ.
ރަހުމަތްތެރި މިޒާޖެއްގެ އެންމެންނާ ވެސް ގުޅޭ އަދި އެހެން ސަޕޯޓަރުންނާ އެކު ސެލްފީތަކަށް ހުއްޓުމަށް އުފާކުރާ އޭނާ ފަހުން ވަނީ ޖަރުމަނު އަތުން ބްރެޒިލް ބަލިވުމުން އޭނާ ހިފައިގެން އުޅޭ ވޯލްޑް ކަޕު ނަކަލު ތައްޓެއް ޖަރުމަނުގެ ސަޕޯޓަރަކަށް ހަދިޔާކޮށްފަ އެވެ.
ފެނާންޑޭސް އަށް އެންމެ ފަހުން ފެނުނު ބްރެޒިލް ކުޅުނު މެޗަކީ މިއަހަރުގެ ޖޫން/ޖުލައިގައި ބޭއްވި ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގައި ޕެރަޖުއާއީއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ވެސް ބްރެޒިލް ވަނީ ބަލިވެފަ އެވެ.
މައުލޫމާތު: އާރުޓީ، ގޯލް.ކޮމް، ދަ އިންޑިޕެންޑެންޓް އަދި ނޫސް އެޖެންސީތައް