އެމްޑީޕީގެ އިސް މަގާމުތަކަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ގޮތެއްގައި ކެމްޕޭން ކުރުމުގެ ފުރުސަތު ދިނުމަށް އެމްޑީޕީގެ ހުރިހާ ދާއިރާތަކަށް އެޕާޓީން ގޮވާލައިފި އެވެ.

އެމްޑީޕީން އާދިއްތަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ 30 ވަނަ ދުވަހު ބާއްވާ އެޕާޓީގެ އެތެރޭގެ އިންތިހާބްގައި ޕާޓީ ތަފާތު 13 މަގާމަކަށް ރާއްޖޭގެ ވަރަށް ގިނަ ކަންކޮޅުތަކުން ޕާޓީގެ ވަރަށް ގިނަ މެންބަރުން ކުރިމަތިލާފައިވާ ކަމަށެވެ.

އިންތިހާބަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުންނަށް ވެސް މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި އަތޮޅުތަކުގެ އެމްޑީޕީ ހަރުގެތަކުގައި ހަމަހަމަ އުސޫލަކުން ކެމްޕެއިންގެ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ދިނުމަށް އެޕާޓީން ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް ހަސަން ސާހު މިއަދު ވިދާޅުވީ އިންތިހާބުގެ ހުރިހާ މަގާމަކަށް ވެސް މިހާރު މެންބަރުން ކުރިމަތިލާފައިވާ ކަމަށާއި މިހާތަނަށް 13 މަގާމަށް 131 ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބައެއް ކެންޑިޑޭޓުންގެ ނަން އަނބުރާ ނަގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފިޝަރީޒު މިނިސްޓަރު ޑރ. އިބްރާހީމް ދީދީ އާއި އެ ޕާޓީގެ ވަގުތީ ރައީސް އިބްރާހިމް ހުސެއިން ޒަކީ ކުރިމަތިލައްވާފައިވާ އިރު ނައިބް ރައީސް ކަމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ. އެބޭފުޅުންނަކީ މުހައްމަދު އަސްލަމާއި އަސްލަމް މުހައްމަދު ޝާކިރާއި އަލްހާން ފަހުމީ އާއި ހުސެއިން އާދަމެވެ.