17 Sep 2015, 22:39
ދުއްވާފައި ދިޔަ ކޮންޓެއިނާ ލޮރީއަކުން ޖެހި، ދަގަނޑު ހޮޅިއެއް ވެއްޓި ޒުވާން އަންހެން ކުއްޖަކު މަރުވި މައްސަލައާ ގުޅިގެން ކޮންޓެއިނާ ލޮރީގެ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ ދަގަނޑު ހޮޅީގެ ދަށުވެ ސ. ހިތަދޫ ލިލަކް އަޒުފާ ޒުހައިރު، 24، މަރުވި މައްސަލައާ ގުޅިގެން ކޮންޓެއިނާ ލޮރީގެ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށާއި އެކަމުގެ ތަފްސީލު އަދި ދެވެން ނެތް ކަމަށެވެ.
"ކޮންޓެއިނާ ލޮރީގެ ޑްރައިވަރުގެ ލައިސަންސް ވަނީ ހިފަހައްޓާފައި. އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަންނަނީ ތަހުގީގު ކުރަމުން. ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލު ހާމަކުރެވެން ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރިނަމަވެސް ތަހުގީގު ދަނީ ކުރިއަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ބުނެފައި ވަނީ އަޒުފާގެ ބޮލުގައި ޖެހުނު ހޮޅި އަކީ އިއްޒުއްދީން މަގަށް ފެންނަ ގޮތަށް 392 ނަންބަރު ކޮށީގެ މަގުގެ އަރިމަތީގައި ގޯތީގެ އިމުގެ ތެރޭގައި ބަހައްޓާފައި ހުރި ހޮޅިއެއް ކަމަށެވެ.
އެ ހޮޅިއަކީ މިނިވަން 50 އަށް އެ ސަރަހައްދު ޒީނަތްތެރި ކުރުމަށް ނަމޫނާ ރުކެއްގެ ގޮތުގައި ކުލަބޮކި ދިއްލާފައި ހުރި ހޮޅިއެއް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަޒުފާގެ ގަޔަށް އެ ދަގަނޑު ހޮޅި ވެއްޓުނީ ސައިކަލެއްގެ ފަހަތު ސީޓުގައި އޭނަ ދަނިކޮށްނެވެ.
އެ ހާދިސާއަށްފަހު އެ ދަގަނޑުހޮޅި ނަގާފައިވާއިރު، މިނިވަން50 އަށްފަހު ގިނަ ދުވަސްވަންދެން އެ ދަގަނޑު ހޮޅި ނުނަގައި މަގަށް ފެންނަ ގޮތަށް 392 ނަންބަރު ކޮށީގެ މަގުގެ އަރިމަތީގައި ބަހައްޓާފައި ހުރީ ކީއްވެގެން ކަމެއް ހައުސިން މިނިސްޓްރީން ބުނެފައެއް ނުވެއެވެ.
އެ ހާދިސާގައި މަރުވި އަޒުފާ އަކީ ޑޮކްޓަރުކަން ކިޔަވަމުންދިޔަ އަންހެނެކެވެ.