17 Sep 2015, 21:48
ދުނިޔޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމު ކަމުގައިވާ އިންޑިޔާ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ގައުމަށް ދިމާވެފައިވާ ވަޒީފާ ނެތުމުގެ މައްސަލައެވެ. ކަން މިހެން ހުރިއިރު، އިންޑިޔާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމުގައިވާ އުއްތަރު ޕްރަދޭޝްގައި އިއުލާނު ކުރި މުސާރަ ކުޑަ ސަރުކާރު ވަޒީފާ ތަކަކަށް ކުރިމަތިލި މީހުންގެ އަދަދުގެ ސަބަބުން އިންޑިޔާ ސަރުކާރު ސިއްސުވައިލައިފި އެވެ.
އެ 368 ވަޒީފާގެ ފުރުސަތަށް 2.3 މިލިއަން މީހުން ވަނީ ކުރިމަތިލައިފަ އެވެ.
ހަމައެކަނި ޕްރައިމަރީ ސްކޫލު ސެޓްފިކެޓަކާއި ބައިސްކަލެއް ދުއްވަން އެނގުން ޝަރުތު ކޮށްފައިވާ މި ވަޒީފާގެ ފުރުސަތަށް ކުރިމަތިލި މީހުންގެ ތެރޭގައި ޕީއެޗްޑީ ހަދާފައިވާ މީހުންވެސް ހިމެނެ އެވެ.
ސަރުކާރު އޮފިޝަލެއް ބީބީސީ އަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި އެ އެންމެނާ އިންޓަވިއު ކޮށް ނިންމަން ވެސް ހަތަރު އަހަރު ނަގާނެ އެވެ.
"މި ކެންޑިޑޭޓުންނާ ހަމައެކަނި އިންޓަވިއު ކޮށްލަން ޖެހޭނީ. އެކަމަކު އަހަންނަށް ލަފާކުރެވޭ ގޮތުގައި މިކަމަށް ދިހަ ބޯޑުން މަހަކު 25 ދުވަހު، ދުވާލަކު 200 ކެންޑިޑޭޓުންނާ އިންޓަވިއު ކުރިޔަސް މިކަމަށް މަދުވެގެން ހަތަރު އަހަރު ނަގާނެ،" ސަރުކާރު އޮފިޝަލެއް ކަމުގައިވާ ޕްރަބާތު މިއްތަލް ބުންޏެވެ.
އޮގަސްޓު މަހުގައި ހުޅުވާލި މި ވަޒީފާގެ ފުރުސަތުތަކަށް ވަނީ ޕީއެޗްޑީ ފެންވަރުގެ 255 މީހުންނާއި ޑިގްރީ ފެންވަރުގެ 152،000 މީހުން ކުރިމަތިލައިފަ އެވެ.
ކުޑަ ހިސާބެއް ހަދާލައި ބަލައިލާއިރު މިއީ ވަޒީފާ އަކަށް 6،250 އަށްވުރެ ގިނަ މީހުން ޖެހޭ އަދަދެކެވެ.
މީ ހުރިހާ އެންމެން ވާދަ މި ކުރަނީ މަހަކު މަހަކު 16،000 އިންޑިޔަން ރުޕީޒް (240 އެމެރިކާ ޑޮލަރު) ލިބޭ ވަޒީފާ ތަކަކަށެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އުއްތަރު ޕްރަދޭޝް ގައި ވަޒީފާ ނެތް މީހުންގެ އަދަދު މިލިއަނުން ގުނާލެވޭނެ އެވެ.
ނެޝެނަލް ސާމްޕްލް ސާވޭ އޯގަނައިޒޭޝަން ގެ ރިޕޯޓުން ދައްކާގޮތުގައި 215 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ އުއްތަރު ޕްރަދޭޝްގައި 2017 ވަނަ އަހަރު އަންނަންވާއިރަށް ވަޒީފާ އެއް ނެތް ޒުވާނުންގެ އާބާދީ 13.2 މިލިއަން މީހުނަށް އަރާނެ އެވެ.
މުޅި އިންޑީޔާގައި ކަހަލަ ގޮތަކަށް ސަރުކާރު ވަޒީފާތަކަށް އޮންނަ ވާދަވެރިކަން ވަރަށް ބޮޑެވެ. އެގޮތުން މިއަހަރު ކުރީކޮޅު ދެކުނުގެ ސިޓީ އެއް ކަމުގައިވާ ވިސަޚަޕަތުނަމް ގައި އިންޑިޔާ ސިފައިންގެ ފައުޖާ ގުޅުމުގެ އުންމީދުގައި އެތައް ހާސް މީހުނެއް އެއްވެ ދިމާވި ތޮއްޖެހުމުގެ ހާދިސާއެއްގައި ވަނީ މީހުންނަށް އަނިޔާވެފައެވެ.
މީގެ އިތުރުން 2010 ވަނަ އަހަރު މުމްބާއި ފުލުހުންގެ ފައުޖަށް ވަނުމުގެ ފުރުސަތު ހުޅުވައިލުމުން 10،00 ކެންޑިޑޭޓުން އެއްވެ ހިނގި ތޮއްޖެހުމުގެ ހާދިސާގައި ވަނީ އެކަކު މަރުވެ 11 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފަ އެވެ.