Last Updated: 1 decade 2 month ago

މައްކާގައި ގިނަ އަދަދެއްގެ ހައްޖާޖީން ތިބި ހޮޓަލެއްގައި އަލިފާންރޯ ވެއްޖެ އެވެ. އެ ހޮޓަލުގައި ދިވެހި ހައްޖާޖީން ނޫޅެ އެވެ.
ސައުދީގެ ސިވިލް ޑިފެންސް އެޖެންސީ އާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ އެ ހޮޓަލުގައި އަލިފާން ރޯވުމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ، އޭޝިއާ ސަރަހައްދަށް ނިސްބަތްވާ 1000 މީހަކު އެތަނުން ނެރިފައިވާ ކަމަށެވެ.
އެ ހާދިސާގައި ދެމީހަކަށް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް، އަދި އެމީހުން ނިސްބަތް ވަނީ ކޮން ގައުމަކަށް ކަމެއް އަދި ސާފުވާގޮތެއް ނުވެ އެވެ. ސައުދީގެ ދާހިލީ ޑިފެނެސް އެޖެންސީން ބުނި ކަމަށް ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައި ވަނީ އެ ހާދިސާގައި ޒަހަމްވި ދެމީހަކަށް ފަރުވާދެމުން އަންނަ ކަމަށެވެ. ހޮޓަލުގެ ނަމެއް އެ އެޖެންސީން ހާމަކޮށްފައެއް ނުވެ އެވެ.
މައްކާގައި ހުންނަވާ ހައްޖު މިޝަންގެ މީޑިއާ ކޯޑިނޭޓަރު އަލީ ޝަރީފު މިރޭ ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މައްކާގެ އަޒީޒިއްޔާ ކިޔާ ހިސާބެއްގައި ހުންނަ ހޮޓަލެއްގައި ކަމަށާއި އެއީ ދިވެހިން ގޮސް އުޅޭ ހިސާބެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ހޮޓަލުގައި އެއްްވެސް ދިވެއްސަކު ނޫޅޭކަން ދިވެހި ހައްޖު މިޝަނަށް ކަށަވަރު ކަމަށެވެ.
)ތަފްސީލު އަންނަނީ)
މައްކާގައި ހައްޖުވެރިން ތިބި ހޮޓަލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މީހަކު ޒަހަމުވެ، 1028 މީހަކު ހޮޓަލުން ނެރެ ހޮޓާ ހުސްކޮށްފައިވާ ކަމަށް ސައުދީ އެރެބިޔާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ބުނެފި އެވެ.
ސައުދީގެ ސިވިލް ޑިފެންސު އެޖެންސީ އިން މިއަދު ބުނީ އެ ހާދިސާ ހިނގީ ނަމެއް ނުދީވާ، އަލް އަޒީޒިއްޔާ ޑިސްޓްރިކްގައި ހުންނަ 11 ބުރީގެ އިމާރާތެއްގެ އަށް ވަނަ ފަންގިފިލާގައި ކަމަށެވެ.
ސައުދީ ސިވިލް ޑިފެންސުން ބުނި ގޮތުގައި އަލިފާން ރޯވި އިމާރާތުން މީހުން ހުސްކުރީ ސައުދީ އެރެބިޔާގެ އަލިފާން ނިއްވުމަށް މަސައްކަތް ކުރާ މީހުންނެވެ.
މައްކާގައި އަލިފާނުގެ ހާދިސާއެއް މި ހިނގީ، މާތްވެގެންވާ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ހަފުތާ އަކަށް ވެފައި ވަނިކޮށެވެ. އަދި ހަރަމްފުޅުގެ އިމާރާތެއްގެ މައްޗަށް ކްރޭނެއް ވެއްޓި 115 މީހަކު ނިޔާވުމުގެ އިތުރަށް، 238 މީހަކު ޒަހަމުވިތާ ހަފުތާއެއް ވެސް ނުވަނީހެވެ.
މިއަދު މެންދުރުގެ ކުރީގައި އެ އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ ކޮން ގައުމެއްގެ ހައްޖުވެރިން ދިރިއުޅޭ ތަނެއް ކަމެއް ސައުދީގެ ރަސްމީ ފަރާތްތަކަކުން އަދި ނުބުނެ އެވެ. ނަމަވެސް ރަސްމީ ފަރާތްތަކުން ބުނަނީ އެ އިމާރާތަކީ ގިނަ އަދަދެއްގެ އޭޝިޔާ ބައްރުގެ މީހުން އުޅެމުން އަންނަ އިމާރާތެއް ކަމަށެވެ. ނަމަވެސް އެ އިމާރާތުގައި ދިވެހި އެއްވެސް ހައްޖުވެރިއެއް ނޫޅޭ ކަމަށް މައްކާގައި ހުންނަ ދިވެހި ހައްޖު މިޝަނުން ސަން އަށް މިރޭ ކަށަވަރުކޮށްދިނެ އެވެ.
މިއަންނަ ބުދަ ދުވަހު ފާހަގަ ކުރާ މި އަހަރުގެ ހައްޖު ދުވަހަށް 3.1 މިލިއަަން މުސްލިމުން މައްކާ އަށް އަރާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މިހާތަނަށް 1.2 މިލިއަން މީހުން މައްކާ އަށް ގޮސްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.