17 Sep 2015, 20:02
އައިޖީއެމްއެޗްގައި އަލަށް ބަހައްޓާ މެގްނެޓިކް ރިޒޮނެންސް އިމޭޖިން (އެމްއާރުއައި) މެޝިން ނޮވެމްބަރު މަހުގައި ބޭނުން ކުރަން ފަށާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން އެ މެޝިނު އައިޖީއެމްއެޗުގައި އިންސްޓޯލްކޮށް ނިމޭނެ ކަމަށެވެ.
"އައިޖީއެމްއެޗުގައި އަލަށް ގާއިމުކުރާ އެމްއާރުއައި މެޝިނުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. އަޅުގަނޑުމެން މި ބަލަނީ އެ މެޝިނު ނޮވެމްބަރު މަހުގައި ބޭނުން ކުރެވޭ ވަރު ކުރަން. އެގޮތުން އެ މެޝިނު އިންސްޓޯލް ކުރުމުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ނިމޭނެ،" ޝަހީރު ވިދާޅުވިއެެވެ.
އެ މެޝިނުގެ މަސައްތްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު އެ މެޝިނު މާލެ ގެނެވިފައި ވަނީ މި ހަފްތާ އާދިއްތައިގާ ކަމަށް ޝަހީރު ވިދާޅުވިއެވެ.
“މި މެޝިނަކީ އެންމެ ފަހުގެ މެޝިންއެއް. އެމްއާރްއައި މެޝިން ހަދާ ކުންފުނިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ މަޝްހޫރު އެއްކުންފުނިން ގެނައި މެޝިން އެއް މީ،" މެޝިނުގެ ފެންވަރާ މެދު ވާހަކަފުޅު ދައްކަވަމުން ޝަހީރު ވިދާޅުވިއެވެ.
އެ މެޝިން ބަހައްޓާނީ އައިޖީއެމްއެޗުގެ ކުރީގެ ޑައިލިސިން ސެންޓަރު ހިންގި ތަނުގައެވެ.