17 Sep 2015, 17:26
ވޯލްޑް ސީރީސް އޮފް ވީޑިއޯ ގޭމްސް (ޑަބްލިއުއެސްވީޖީ)ގެ ފަރާތުން ރާއްޖޭގައި ބާއްވާ ވީޑިއޯ ގޭމް ވޯލްޑް ޗެމްޕިއަންޝިޕްގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.
އުރީދޫ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓެލެކޮމް ޕާޓްނާޝިޕް އެގްރިމެންޓްގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސޭލްސް ހެޑް ހުސައިން ނިޔާޒް އެވެ. ޑަބްލިއުއެސްވީޖީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޕްރެޒިޑެންޓް ސްޓީވަން ލޫނެންސް އެވެ.
އެ މުބާރާތުގެ ކޮލިފައިން މެޗްތައް މިހާރު ވެސް ދަނީ ދުނިޔޭގެ ދިހަ ވަރަކަށް ގައުމުގައި ކުޅެމުންނެވެ. ރާއްޖޭގައި އޮންނާނީ ކޮލިފައިން އިން ހޮވޭ ކުޅުންތެރިންގެ މެޗެވެ. މި މުބާރާތަކީ 100،000 ޑޮލަރުގެ އަގު ހުރި އިނާމްތައްދޭ މުބާރާތެކެވެ.
ސްޓީވަން ވިދާޅުވީ ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ހަމަޖެއްސީ އެ ކުންފުނިންދޭ އިންޓަނެޓް ކަނެކްޝަންގެ ސްޕީޑް ރަނގަޅުވުމުން ކަަމަށެވެ.
"ބައެއް ގޭމް ކުޅުމަށް އެބަ ބޭނުންވޭ ވަރަށް ރަނގަޅު އިންޓަނެޓްގެ ސްޕީޑެއް، އުރީދޫ އިން އަޅުގަނޑުމެން އެ ސްޕީޑްގައި އިންޓަނެޓްދޭނެ" ސްޓީވަން ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ އޮންލައިން ގޭމަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކަމެއް ކަމަށާއި އެފަދަ ކަމެއްގައި ބައިވެރިވެވެތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ގޭމިންގެ މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރު ކަަމަށާއި މިކަމުގައި ބައިވެރިވުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.
މި މުބާރާތުގައި ރާއްޖެގެ ހަތަރުކުޅުންތެރިން ބައިވެރިވެއެވެ. މި މުބާރަތް އޮންނާނީ އަންނަ މަހު ފަހަކުން ފެށިގެން ދިހަޔަކަށް ރިސޯޓެއްގައެވެ. އެހެންނަމަވެސް އެއީ ކޮން ރިސޯޓެއްކަން އަދި އިއުލާންނުކުރެއެވެ.