17 Sep 2015, 17:00
ޔޫއެފްއާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއާ އޭއެސް ރޯމާ ބައްދަލު ކުރި މެޗުގައި ބާސެލޯނާގެ މިޑްފީލްޑާ ރަފޭލް އަލްކަންޓާރާ ޑޯ ނަސިމެންޓޯ (ރަފިއާނާ)އަށް އަނިޔާވެ އޭނާއަށް ސީޒަން ނިމިއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސްޕެއިންގެ ކުޅިވަރު ނޫސް މާސާއިން ބުނީ މިއަދު ހެނދުނު ހެދި ޓެސްޓްތަކުން ރަފިއާނާގެ ކަނާތު ފައިގެ ކަކުލުގެ ލިގަމެންޓަށް ގެއްލުން ލިބިފައިވާ ކަމަށާއި އެ އަނިޔާއިން އެއްކޮށް ރަނގަޅުވުމަށް ސާޖަރީއެއް ހެދުމަށްފަހު ރިހިބިލިޓޭޝަނަށް މަސްތަކެއް ހޭދަވާނެ ކަމަށެވެ.
ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރުން އަންދާޒާކޮށްފައި ވަނީ އެއްކޯށް ފިޓްވެގެން ރަފިއާނާއަށް ކުޅެން ނިކުމެވޭ ވަރުވާނީ ސީޒަން ނިމޭހައިތަނުގައި ކަމަށް މަސާއިން ބުނެއެވެ.
ރޭ ގެ މެޗްގައި ބަދަލު ކުޅުންތެރިޔެއްގައި ކުޅެން ނިކުތް ރަފިއާނާއަށް އަނިޔާވީ ކުޅެން ނިކުތްތާ ތިން މިނެޓް ފަހުން މެޗްގެ 61 ވަނަ މިނެޓްގައި ރަޑްޖާ ނެންގޯލާން ކުރި ޓެކްލަކާ ގުޅިގެންނެވެ.
ރަފިއާނާއަށް ލިބުނު އަނިޔާއާ ގުޅިގެން އަށިގަނޑުގައި ދަނޑުން ބޭލިއިރު އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ބަސާގެ އާޖެންޓީނާގެ ޑިފެންޑާ ހާވިއޭ މެޝަރާނޯއެވެ.
މެޗަށް ފަހު ރާފިއާނާގެ އިންޖަރީ އާ ބެހޭގޮތުން ވާހަކަ ދައްކަމުން ބާސާގެ ކޯޗް ލުއިސް އެންރީކޭ ބުނީ ރަފިއާނަގެ އިންޖަރީއަކީ ދެރަކަމެއް ކަމަށާއި އެޚަބަރަކީ އަޑުއަހަން އެހާ ފަސޭހަ ހަބަރެއް ނޫން ކަމަށެވެ.
ރަފިއާނާއަށް އަނިޔަވިއިރު އެތަން ފޫބެއްދަން އެންރީކޭއަށް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ އެތަން ފޫބެއްދުމަށް އާ ކުޅުންތެރިޔަކު ބާސާގެ ސްކޮޑްގައި ނެތުމެވެ.
އެޓީމަށް ވަނީ މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި މިޑްފީލްޑަރުންގެ ގޮތުގައި އެތުލެޓީކޯ މެޑްރިޑަށް މިދިޔަ ސީޒަންގައި ކުޅުނު ތުރުކީގެ އާދަ ތުރާންއާއި ސެއްވިއްޔައަށް ކުޅުނު އެލެކްސް ވިޑާލް ގެނެސްފައެވެ.
ނަމަވެސް އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ޓީމަށް ގަނައުމުގައި ފީފަގެ ގަވާއިދުތަކާ ޚީލާފަށް އަމަލުކޮށްފައި ވާތީ ފީފާއިން ބާސާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުގެ ސަބަބުން އެޓީމަށް އާ ކުޅުންތެރިމް ގެނައި ނަމަވެސް އަންނަ އަހަރު ޖަނަވަރީ މަހުގެ އެކެއްގެ ކުރިން ތުރާންއާ ވިޑާލްއަށް ބާސާއަކަށް ނުކުޅެވޭނެއެވެ.