މިދިޔަ ހޯމަ ދުވަހު މާލެއިން މާމިގިއްޔަށް ދިއުމަށް ޓަކައި ފުރި "ސަން" ނަމަކަށް ކިޔާ ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނީ ފުލުހުންގެ ފަރާތުން ކަމަށް ކޯސްޓު ގާޑުން މިއަދު ބުނެފި އެވެ.

"ސަން" ދޯނި އަޑިއަށް ދިޔަ ހާދިސާއާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ޓަކައި ޓްރާންސްޕޯޓް އޮތޯރިޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ކޯސްޓާގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ "ސަން" ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންގެ ފަރާތުން ކޯސްޓުގާޑަށް ލިބުނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހު 5:46 އެހާކަންހާއިރު ކަމަށެވެ. އަދި ވަގުތުން ދޯންޏާ ގުޅޭތޯ މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދޯންޏާ ގުޅޭ މައުލޫމާތު ކޯސްޓުގާޑަށް ލިބުނީ އދ. މާމިގިލި ޕޮލިސް ސްޓޭޝަންގެ ފަރާތުން ކަމަށް ވެސް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކާނަލް މުހައްމަދު އިބުރާހިމް "ސަން" ދޯންޏާ ގުޅޭ މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ މުހައްމަދު އިބުރާހިމް

މުހައްމަދު އިބްރާހިމް ވިދާޅުވީ ދޯނީގެ މައުލޫމާތުތައް ލިބުމާ އެކު އެ ދޯނި ބަންޑުން ޖަހާލައިގެން އުޅޭކަން ކޯސްޓްގާޑަށް އެނގުނު ކަމަށާއި އެހެންނަމަވެސް ބަންޑުން ޖަހާލީ ކޮން ސަރަހައްދަކަށް ކަމެއް ނޭނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި އަޅުގަނޑުމެންނަށް ހުރިހާ މައުލޫމާތުތަކެއް ޔަގީން ކުރެވުނީ ގާތްގަނޑަކަށް 5:57 އެހާކަށްހާއިރު. މި ޔަގީންވުމާ އެކު އަޅުގަނޑުމެންނަށް މި އެނގުނީ ވާގަލި ކާރިއަށް ފެރީ ބަންޑުންޖަހާލައިގެން އުޅޭކަން އަދި 80 އަށް ވުރެ ގިނަ މީހުން އެ ދޯނިން ދަތުރު ކުރަމުން ދިޔަ ކަން ވެސް ޔަގީންވެގެން ދިޔަ. އަދި ކޯސްޓު ގާޑުގެ އުޅަނދުތައް ތައްޔާރުކޮށް އެ ސަރަހައްދުގައި އެވަގުތު އޮތް ރިސޯޓުތަކަށް ގުޅައި ހިނގައިގެން އުޅޭ ހާދިސާގެ މައުލޫމާތު އަޅުގަނޑުމެން [ކޯސްޓު ގާޑުން] ދިނިން،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހުން ސަލާމަތް ކުރުމަށް ފަހު އިތުރު ބަޔަކު ދޯނީގެ ތެރޭގައި ތާށިވެފައި ތިބިތޯ ބެލުމުގެ މަސައްކަތް ޑައިވަރުން ފެށި ކަމަށެވެ. އަދި ވައިގެ މަގުން ވެސް އިތުރު މީހަކު ފެނޭތޯ ބަލަމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. މުހައްމަދު އިބްރާހިމް ވިދާޅުވީ އެގޮތަށް އިތުރު މީހަކު ފެނޭތޯ ބަލަން ޖެހުނީ ދޯނިން ދަތުރުކުރި މީހުންގެ ޖުމުލަ އަދަދު އެނގިވަޑައިގެންފައި ނުވާތީ ކަމަށެވެ.

މާލެއިން އދ. މާމިގިއްޔަށް ދަތުރު ކުރި ފެރީއެއް އަޑިއަށް ގޮސް ކަނޑުވި ބައެއް ޕަސިންޖަރުން މާލެ ގެނައުމުގެ ތެރޭގައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

އޭނާ ވިދާޅުވީ ވައިގެ މަގުން 65 އަކަމޭލުގެ ސަރަހައްދެއް ކޯސްޓު ގާޑުން ބެލިއިރު ކަނޑުގެ މަގުން 35 އަކަމޭލުގެ ސަރަހައްދެއް ބެލި ކަމަށެވެ.

"އަޑިއަށް ދިޔަ ދޯނި ޑައިވަރުން ހޯދައި އެ ދޯނި އެތާ އެންމެ ކައިރީގައި އޮތް ފަރުކަމަށްވާ ރަން ފަރަށް އިތުރަށް އަޑިއަށް ނުދާނެ ގޮތް ހެދުމަށް ޓަކައި އެންކާކޮށް އެ އޮޑި އޮތް ލޮކޭޝަން ރަނގަޅަށް ފެންނާނެ ގޮތަށް ނޫނީ އެ ސަރަހައްދު ރަނގަޅަށް ފެންނާނެ ގޮތަށް ރަނގަޅަށް ވަލެއް އައްސައި މަތީގައި ބޮއެއް ޖެހުނު. އެއާއެކު ޑައިވަރުން އެތެރެއަށް ވަދެ އެ ދޯނީގެ އެއްވެސް މީހަކު އެ ދޯނީގެ ކަމަރާ މަތީގައި ވެސް އަދި އެ ދޯނީގެ ގެ ގަނޑު ތެރޭގައި ވެސް އޮތްތޯ ބެލުނު،" އޭނާ ވިދާޅުވި އެވެ.

މުހައްމަދު އިބުރާހިމް ވިދާޅުވީ އިއްޔެ އާއި މިއަދު ވެސް ކޯސްޓުގާޑުން އަންނަނީ ދޯނި އިތުރަށް ބަލައި ޗެކު ކުރަމުން ކަމަށާއި އެގޮތުން ބައެއް ފަރާތްތަކުގެ މުދާ ސަލާމަތް ކުރެވޭތޯ ކޯސްޓުގާޑުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަލާމަތް ކުރެވޭ މުދާ އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކުރުމަށް ފުލުހުންނާ ހަވާލު ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ދޯނީގައި ގޭސް ފުޅި އާއި ކާޑުގެ ބާވަތްތަކާއި ސިމެންތި އާއި ހިލެވެލި ގިނަ އަދަދަކަށް ހުރި ކަމަށެވެ.

"އަޅުގަނޑުމެން ބެސްޓް ޕުރެކްޓިސްއާ އެއްގޮތަކަށް މި އަންނަނީ މަސައްކަތް ކުރަމުން. އެއީ އެ ދޯނިން ދަތުރުކުރި ޖުމުލަ މީހުންގެ އަދަދު ނޭނގޭތީ ސަލާމަތްވި މީހުންގެ ގާތުން އަހަމުން މި އަންނަނީ ތިބޭފުޅުންނާ އެކު [ދޯނިން ދަތުރު ކުރި] އެއްވެސް މީހަކު ނުފެނި އެބަހުރިތޯ،" މުހައްމަދު އިބުރާހިމް ވިދާޅުވި އެވެ.

އެ ދޯނިން ދަތުރު ކުރި ފަޅުވެރިންނާ ހަވާލާދީ އެ ދޯނިން ދަތުރުކުރި ޕަސިންޖަރަކު ސަން އަށް ބުނީ ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު އެންމެ ފުރަތަމަ ވެސް ދިނީ ކޯސްޓުގާޑަށް ކަމަށެވެ. ނަމަވެސް އަދި އެ ދޯންޏާ ދިމާލަށް އެހީވުމަށް ދޯންޏެއް އައީ ކަނޑުގައި ދެގަޑިއިރުވީ ފަހުން ކަމަށް ވެސް އޭނާ ބުންޏެވެ.