އަމިއްލައަށް ގަޑިއެއް ހަދައިގެން ސްކޫލަށް ގެންދިއުމުން އެ ގަޑިއަކީ ބޮމެއް ކަމަށް ހީވެގެން ހައްޔަރު ކުރެވުނު އަހުމަދު މުޙައްމަދު، ސޯޝަލް މީޑިއާ ފޭސްބުކްގެ އިދާރާއަށް ޒިޔާރަތްކުރުމަށް އެކުންފުނީގެ ސީއީއޯ މާކް ޒަކަބާގް ދައުވަތު ދީފިއެވެ.

ޒަކަބާގް ފޭސްބުކްގައި އާއްމުކުރި ސްޓޭޓަސްއެއްގައި ބުނެފައި ވަނީ ރަނގަޅު އުފެއްދުމެއް އުފެއްދުމުގެ އުއްމީދާއި ހުނަރު ހުރުމަކީ ތަރުހީބު ލިބެން ޖެހޭ ކަމެއް ކަމަށެވެ.

"... ރަނގަޅު އެއްޗެއް އުފެއްދުމުގެ އުއްމީދާއި ހުނަރު ލިބުމަކީ އެކަމުގެ ސަބަބުން ތަރުހީބު ލިބެން ޖެހޭ ކަމެއް. ހައްޔަރު ވުމެއް ނޫން. މުސްތަގުބަލް އޮތީ އަހުމަދު ފަދަ މީހުންނަށް. " ފޭސްބުކް އަށް ޒިޔާރަތްކޮށް ޒަކަބާގާއި ބައްދުލުކޮށްލުމަށް ދައުވަތުދީ ޒަކަބާގް ލިޔެފައިވާ ލިއުމުގައި ބުނެފައި ވެއެވެ.

ގަޑިއެއް ހަދައިގެން ސްކޫލަށް ގެންދިޔުމުން، ޓީޗަރު އެއީ ބޮމެއް ކަމަށް ބަލައި، ފުރަގަހަށް ބިޑިއަޅުވައިގެން ހައްޔަރު ކުރި، އެމެރިކާގެ ޓެކްސަސްއަށް އުފަން އުމުރުން 14 އަހަރުގެ އަހުމަދަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވެސް ވަނީ ވައިޓް ހައުސްއަށް އަށް ޒިޔާރަތްކުރުމަށް ދައުވަތު ދެއްވައިފައެވެ.

އަހުމަދު މުހައްމަދު ހެދި ގަޑިއަކީ ބޮމެއް ކަމަށް ފުލުހުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން އެމެރިކާގެ އިސްލާމިކް ރިލޭޝަންސް ކައުންސިލުން ބުނީ އެ ގަޑިހެދީ މުސްލިމު ކުއްޖެއް ކަމަށާއި އޭނާއާ ދޭތެރޭ އަމަލު ކުރި ގޮތުން މުސްލިމުންނާ ދޭތެރޭ ދެކޭ ގޮތާއި އެ މީހުންނާ ދޭތެރޭ ނަފުރަތު އުފައްދައި އަދި އެ ދީނާ ދޭތެރޭ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ކުރާ މަސައްކަތް ވަރަށް ރަނގަޅަށް ދޭހަވާ ކަމަށެވެ.

އައިނެއް އަޅައިގެން ހުންނަ އަހުމަދަކީ ނުވަނަ ގްރޭޑްގައި ކިޔަވާ ދަރިވަރެކެވެ. އޭނާ ހޯމަ ދުވަހު ހައްޔަރުކޮށްގެން ގެންދިޔަ އިރު އޭނާ ހުރީ، ޕްރޮޖެކްޓަކަށް އޭނާގެ ކްލާސް މޭޓުން ޝައުގުވެރި ކުރުވުމަށް ނާސާ ޖެހި ޓީޝާޓެއްލައިގެންނެވެ.