އއ. ބޮޑުފުޅަދޫ ސިއްހީ މަރުކަޒު މަރާމާތު ކުރަން ބަޔަކާ ހަވާލުކޮށް، ށ. ފުނަދޫ ސިއްހީ މަރުކަޒު އަދި ޏ. ފުވައްމުލަކު އަތޮޅު ހޮސްޕިޓަލް މަރާމާތަށް، ޑިޒައިން ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބޮޑުފުޅަދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލައުޒާން އިންޖިނިއަރިން ސޮލިއުޝަންސް ޕްރައިވެޓް ލިިމިޓެޑާ އެވެ. އަދި ފުނަދޫ އާއި ފުވައްމުލަކުގެ ސިއްހީ މަރުކަޒު ޑިޒައިން ކުރުމަށް ހަވާލުކޮށްފައި ވަނީ ހަންނާން ޔޫސުފް އާކިޓެކްޓްސްއާ އެވެ.

އެ ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މަސައްކަތްތައް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ބޮޑު ފުޅަދޫގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ހަވާލުކޮށްފައި ވަނީ 681،057 ރުފިޔާ އަށެވެ. އެގޮތުން އެ މަސައްކަތް 76 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ އިރު އެ ޕްރޮޖެކްޓުގެ ދަށުން ގިނަ މަރާމާތުތަކެެއް ކުރާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ ގޮތުން ބޮޑުފުޅަދޫ މަރުކަޒުގެ ކަރަންޓް ތިން ފޭސް އަށް ބަދަލު ކުރާ އިރު ފާހާނަތައް އެ ޕްރޮޖެކްޓްގެ ދަށުން މަރާމާތު ކުރާނެ އެވެ. އޭގެ އިތުރުން ވާރޭ ފެން ނަގާ ތާނގީ ބެހެއްޓުމާއި ކުޑަދޮރުގެ މަސައްކަތް ފަދަ މަސައްކަތް ވެސް ކުރާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

ފުނަދޫ އަތޮޅު ހޮސްޕިޓަލުގެ އިމާރާތުގެ ޑިޒައިން ކުރުމަށް ހަންނާނު ޔޫސުފް އާކިޓެކްޓްސް އަށް ހަވާލުކޮށްފައި ވަނީ 63،706 ރުފިޔާ އަށެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލް ޑިޒައިން ކުރުމަށް ހަވާލުކޮށްފައި ވަނީ 114،480 ރުފިޔާ އަށެވެ. އެގޮތުން ފުނަދޫގެ މަސައްކަތް ނިންމުމަށް 27 ދުވަސްދީފައިވާ އިރު ފުވައްމުލަކު ހޮސްޕިޓަލު ޑިޒައިން ކުރުމަށް ދީފައި ވަނީ 42 ދުވަހެވެ.