17 Sep 2015, 15:42
އަޟުހާ އީދު ބަންދާއި ދިމާކޮށް 11،000 ވުރެ ގިނަ މީހުން ސްރީލަންކަން އެއާލައިން މެދުވެރިކޮށް ރާއްޖޭން ބޭރަށް ދަތުރުކުރާ ކަމަށް އޭސް އޭވިއޭޝަނުގެ ސޭލްސް މެނޭޖަރު އަހުމަދު އިޖާޒު ވިދާޅުވެއްޖެއެވެ.
އޭސް އޭވިއޭޝަނަކީ ސްރީލަންކަން އެއާލައިންސްގެ ސޭލްސް އެޖެންޓެކެވެ. އިޖާޒު ވިދާޅުވީ، ޓިކެޓް ނަގާފައިވާ މީހުންނަކީ ހަމައެކަނި ކޮލަމްބޯ އަށް ދަތުރުކުރާ މީހުން ނޫން ކަމަށާއި އޭގެ ތެރޭގައި ޓްރިވެންޑްރަމް، ބެންގަލޫރު، ބެންގްކޮކް، ކުއާލާލަމްޕޫރަށް ދަތުރުކުރާ މީހުން ހިމެނޭ ކަމަށެވެ.
ޓްރިވެންޑްރަމް، ބެންގަލޫރު، ބެންގްކޮކް، ކުއާލާލަމްޕޫރަށް ދަތުރުކުރާ މީހުން ވެސް އެތަންތަނަށް ދާނީ ލަންކާ މަގުންނެވެ.
" މިއަދާއި މިމަހު 29 އާއި ދޭތެރޭ ގާތްގަނޑަކަށް 55 ފްލައިޓް އެބަ އޮވޭ. މި ފްލައިޓްތަކުން 11،000 ވަރަކަށް މީހުން ދަތުރުކުރޭ" އިޖާޒް ވިދާޅުވިއެވެ.
ކޮލަމްބޯ ނަގާފައި ދެވަނަ އަށް އެއްމެ ގިނަ މީހުން ދަތުރުކުރަނީ ބެންގްކޮކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހުގެ 20 ފެށިގެން ސްރީލަންކަން އެއާލައިންސް ދަންވަރު ފްލައިޓްތައް އޮޕަރޭޓް ނުކުރާކަމަށާއި އެހެންނަމަވެސް ދަތުރުތަކުގެ ޑިމާންޑް ބޮޑުކަމުން އީދު ބަންދުގައި ދަންވަރު ފްލައިޓް ބޭއްވުމުގެ ހުއްދަ ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
" މިމަހު 20 އާއި 29 އާއި ދޭތެރޭ އަޅުގަނޑުމެންގެ ދަންވަރު ފްލައިޓްތައް އޮޕަރޭޓް ކުރާނެ، އެ ފްލައިޓްތައް އޮޕަން ކުރުމުން ޖާގަ ދައްޗެއްނުވާނެ" އިޖާޒް ވިދާޅުވިއެވެ.
އީދު ބަންދާއި ދިމާކޮށް ގިނަ ބަޔަކު ވަނީ ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދާން ރާވާފައެވެ.