21 Mar 2011, 12:46
މަރަށް މަރުގެ އަދަބު ދިނުމަށް، ހުށަހެޅި އިސްލާހާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ތިން ގަޑިއިރު ބަހުސު ކުރި ފަހުން ގާނޫނަށް އިސްލާހް ހުށަހެޅުއްވި މެންބަރު ބިލު އަނބުރާ ގެންދަވައިފި އެވެ.
މަރަށް މަރުގެ އަދަބު ތަންފީޒު ކުރުމަށް ހުށަހެޅި ބިލު އަނބުރާ ގެންދަވަމުން، މިބިލު މަޖިލީހަށް ހުށަހެޅުއްވި، ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދު ވިދާޅުވީ، ޖިނާއީ އިޖުރާތުގެ ގާނޫނާއި ހެއްކާ ބެހޭ ގާނޫނާއި ކްރިމިނަލް ޖަސްޓިސް ސިސްޓަމާ ބެހޭ އިސްލާހްތައް މަޖިލީޙުން ފާސްވިހާ އަވަހަކަށް މި ބިލު އަނބުރާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ނަމަވެސް އޭނާ ބިލް އަނބުރާ ގެންދެވީ މަރަށް މަރުހިފުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ފެނޭތޯ ބެލުމަށް މެންބަރަކު އިސްލާހެއް ހުށަހެޅުއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.
އަހްމަދު ރަޝީދު އެ ބިލު އަނބުރާ ގެންދެވީ ބިލަށް ކަނޑައަޅާފައިވާ ތިން ގަޑިއިރުގެ ބަހުސްނިމި، ބިލާ ބެހޭ ގޮތުން ފަހު ބަސް ވިދާޅުވުމަށް އޭނާ އަށް ދެއްވި ފުރުސަތުގަ އެވެ. ބިލު ގެންދަވަމުން ވެސް، މަރުގެ އަދަބަކީ ދޭންޖެހޭނެ އަދަބެއްކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަށް މަރުގެ އަދަބު ދިނުމުގެ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ހުށަހަޅުއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ، މަރަށް މަރުގެ އަދަބު ދިނުމަކީ މަޖިލީހުގެ މެންބަރުން ގަބޫލު ނުކުރައްވާ ކަމެއް ކަމަށްވާ ނަމަ އެކަމަކީ ރައްޔިތުން ގަބޫލުކުރާ ކަމެއްތޯ ބެލުމަށް ރައްޔިތުންގެ ވޯޓަކަށް ދިއުމަށް ހުށަހަޅުއްވާ ކަމަށެވެ.
"މަޖިލީހުގެ މެންބަރުންނަށް މިކަމަށް ވޯޓެއް ދެއްވަން ދަތިފުޅުވާ ނަމަ، މަރަށް މަރުގެ އަދަބަކީ ދޭން ޖެހޭ އަދަބެއް ކަމަށް މަޖިލީހުގެ މެންބަރުން ގަބޫލު ނުކުރައްވަނީ ނަމަ، އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކު އެދެން ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ)ގެ ދަށުން މަރަށް މަރުގެ އަދަބު ދިނުމަކީ ރައްޔިތުން ގަބޫލުކުރާކަމެއްތޯ ބެލުމަށް ވޯޓަކަށް ދިއުމަށް އަޅުގަނޑު ހުށަހަޅަން،" މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ، މަރަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހް ގެނައުމަކީ، ކުރަން ޖެހޭކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރާނެ ގޮތަކީ ވެސް އެއީ ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ.
"މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުންނަކީ، ދީން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ މެންބަރުންނަށްނުވި ނަމަވެސް، ދީނީ އިލްމުވެރިންގެ ފަރާތުންނާއި ކީރިތި ގުރުއާނުންނާއި ހަދީސުންނާއި ނަސޭހަތުން އެނގޭ މިއީ ކުރަން ޖެހޭ ކަމެއްކަން. ދީނުގައި އޮތީ މިހެންކަން. އެހެންކަމުން އަޅުގަނޑެއް ނުދެކެން ދީނުގައި އޮންނަގޮތާ ހިލާފަށް ނިންމުމެއް ނިންމިދާނެ ކަމަކަށް،" މަހްލޫފު ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ ގައުމަށް ދިމާވެފައިވާ މާރާމާރީ އާއި ތަޅާ ފޮޅުމާއި، ގައުމުގެ އިޖްތިމާއީ ފޭރާން ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ގެނެވޭނީ ވެސް މަރަށް މަރުގެ އަދަބު ކަނޑައެޅިގެން ކަމަށެވެ. އަދި މާރާމާރީ އާ ގޭންގު ކުށްތަކުގައި އެތައް ޒުވާނުންނެއް ހަރަކާތްތެރިވާކަން ފާހަގަ ކުރައްވައި، މަހްލޫފު ވިދާޅުވީ، އެކަންކަމުން އެ ޒުވާޏުން ސަލާމަތް ކުރެވޭނީ ވެސް މަރުގެ އަދަބު ދިނުމަށް ކަނޑައަޅައިގެން ކަމަށެވެ. އޭގެ އިތުރުން، ޒުވާނުން އެކަންކަމުން ދުރު ކުރުމަށް ޒުވާނުންގެ މަރުކަޒުތައް އުފައްދައި ޒުވާނުންނަށް ކޭޓަކުރުމަށާއި، ރިހެބިލިޓޭޝަން ސެންޓަރުތައް އުފައްދައިގެން ސުވާނުންނަށް ފަރުވާ ދިނުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް މަހްޅޫފު ގޮވައިލެއްވި އެވެ.
މަރަށް މަރުގެ އަދަބު ކަނޑައެޅުމާ ދެކޮޅު ހެއްދެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްދު ދެއްވަމުން މަހްލޫފު ވިދާޅުވީ، އެފަދަ ހުކުމްތަކަށް ރާއްޖޭގެ ޝަރުއީ ނިޒާމް ތައްޔާރުތޯ މެންބަރުން ސުވާލު ކުރައްވާފައި ވަނީ ޝަރުއީ ނިޒާމާ މެދު ސުވާލު އުފެއްދުމަށް ކަމަށެވެ. އަދި މަރުގެ އަދަބު ކަނޑައެޅިގެންދާނީ އެތައް މަރުހަލާއެއް ކަޑައްތު ކުރުމަށް ފަހުގައި ކަމަށާއި ޝަރުއީ ދާއިރާއަށް އިތުބާރުނެތިގެން ކަމަށް ވިދާޅުވެ މިއަދު މިކަން ނުކޮށްފި ނަމަ ދެން މިކަމެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަރުގެ އަދަބު ދިނުމާ މެދު ރައްޔިތުންގެ ވޯޓަކަށް ދިއުމަށް މަހްލޫފު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ، ދީނުގައި އަންގަވާފައިވާ ގޮތަށް ގިސޯސް ހިފުމަކީ އޮންނަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް މަރަށް މަރުގެ އަދަބު ކަނޑައަޅާއިރު އެކަން ވަރަށް ސާފުކޮށް ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްދޫ ދާއިރާގެ އަހްމަދު ރަޝީދު ވިދާޅުވީ، ދީނުގައި ކަމެއް ކަނޑައަޅާފައިވާ އިރު، އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ވަނީ އެގޮތަށް އެކަން ކުރުން ކަމަށެވެ.
"މިއީ އިސްލާމީ ގައުމެއްގެ ގާނޫނުހަދާ މަޖިލިސް މިއަށް ވޯޓުދޭ ގޮތުން، މިކަން މި މަޖިލީހުން ފާސްވެގެންދާ ގޮތުން މަޖިލީހުގެ މެންބަރުންގެ އަގީދާގައި ސާބިތުވެގެންތިބީ ކިހާވަރަކަން ސާބިތުވެގެންދާނެ. މަރަށް މަރުގެ އަދަބު ދެވެން ޖެހޭނެ. އަޅުގަނޑުމެންނަކީ، އިސްލާމީ ޝަރީއަތެއް ގާއިމްކުރަން ޖެހޭ ބައެއް ކަމަށް ވަންޏާ މިކަން ކުރަން ޖެހޭނެ. އަޅުގަނޑު މަޖިލީހުގެ އެންމެހާ މެންބަރުންނަށް ގޮވާލަނީ، ދީނުގައި މިކަން އޮތްގޮތަށް ކުރަން ފާސްކުރަން،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.