17 Sep 2015, 14:26
ސިއްހީ ސަބަބުތަކަކަށް ޓަކައި ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފު ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔާ ކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު އައްބާސް ޝަރީފު މަގާމުން ރިޓަޔާ ކުރެއްވުމަށް ޖޭއެސްސީ އިން ނިންމާފައިވާ ކަމަށެވެ.
ރިޓަޔަރ ކުރެއްވުމަށް ފަނޑިޔާރު އައްބާސް ހުށަހެޅުއްވީ ސިއްހީ ސަބަބުތަކަކަށް ޓަކައި ކަމަށް ޖޭ އެސްސީން ވަނީ ބުނެފަ އެވެ.
"ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢައްބާސް ޝަރީފު ފަނޑިޔާރުކަމުން ރިޓަޔަކޮށްދެއްވުމަށް ކޮމިޝަނުން ނިންމެވީ، ޞިއްޙީ ޙާލަތު ހުރި ގޮތުން ފަނޑިޔާރުކަމުގެ މަގާމް އަދާކުރެވެން އުޒުރުވެރިވާ ކަމަށް ބަޔާންކުރައްވައި ހުށަހަޅުއްވާފައިވާ ޑޮކްޓަރުގެ ލިޔެކިޔުންތަކަށް ބަލާއިރު ވެސް ޞިއްޙީގޮތުން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އުޒުރުވެރިވާ ފަދަ ސީރިއަސް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭތީ،" ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދިވެހި ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޢައްބާސް ޝަރީފު ރިޓަޔާ ކޮށްދެއްވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަން 2011 ވަނަ އަހަރުން ފެށިގެން އައްބާސް އައްނަނީ ކުރައްވަމުންނެވެ.
އޭގެ އިތުރުން ޖޭއެސްސީގައި ހުންނަވައި ރައީސްގެ މެމްބަރުކަން ކުރެެއްވުމުގެ އިތުރަށް ރައީސް އޮފީހުގެ ޑިރެކްޓަރު ޖެނެރަލް ކަމާއި އެފްއޭއެމްގެ އެޕީލް ކޮމެޓީގެ މެމްބަރުގެ މަގާމު ވެސް އައްބާސް ވަނީ ފުރިހަމަ ކުރައްވާފަ އެވެ.