17 Sep 2015, 13:23
ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލް ތަރައްގީކޮށް، އިމާރާތް ބޮޑުކުރުމަށް 44.7 މިލިއަން ރުފިޔާ އަށް އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އެލިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ އެގްޒެކިއުޓިވް ޑިރެކްޓަރު އަލައު އަލީ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ޖުމްލަ 44.7 މިލިއަން ރުފިޔާ އަށް ކުރިއަށް ގެންދިޔުމަށް ހަވާލު ކުރި ހޮސްޕިޓަލުގެ މަސައްކަތް ނިންމެވުމަށް 365 ދުވަސް ދީފައިވާ ކަމަށެވެ.
މިއަދު ހަވާލު ކުރި ޕްރޮޖެކްޓުގެ ދަށުން ނައިފަރުގައި ތަރައްގީ ކުރާ ހޮސްޕިޓަލް ފަސް ފަންގިފިލާ އަށް ބޮޑު ކުރާނެ ކަމަށް އިރުތިޝާމް ވިދާޅުވި އެވެ.
އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލުގައި އޯޕީޑީ އޭރިއާ އަކާއި ލެބޯޓްރީ އަކާއި ފާމަސީއެއް އިމާރާތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއާ އެކު ޑޮކްޓަރުން ބަލާ އަށް ކޮޓަރި ވެސް ގާއިމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިރުތިޝާމް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން އޮޕަރޭޝަން ތިއޭޓަރަކާއި އަށް ޕްރައިވެޓް ކޮޓަރީގެ އިރުތުން ބަލި މީހުން ބައިތިއްބާ ހަ ވޯޑު ގާއިމު ކުރާނެ ކަމަށެވެ.