17 Sep 2015, 13:15
ސައިކަލް ވަގަށް ނެގުމުން ބަދަލުދޭ އިންޝޫރެންސް ޕޮލިސީއެއް އެލައިޑުން ތައާރަފްކޮށްފި އެވެ.
އެ ކުންފުނީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މެނޭޖާ ސޭލްސް އެންޑް ކްލައިންޓް ސާވިސަސް ނަސްރަތު މުހައްމަދު ވިދާޅުވީ ސައިކަލް ވަގަށް ނެގުމުން އޭގެ ބަދަލުދޭ ގޮތަށް ހަމަޖައްސާފައި ވަނީ އެލައިޑްގެ ކޮމްޕްރިހެންސިވް ޕެކޭޖް ނަގާ ފަރާތްތަކުގެ ތެރެއިން އެ ބަދަލު ބޭނުންވާ ފަރާތްތަކަށް ކަމަށެވެ.
ތެފްޓް ކަވާ (ސައިކަލް ވަގަށް ނެގުމުން ލިބޭ ގެއްލުމުގެ ބަދަލުލިބޭ އިންޝޫރެންސް) ހިމަނައިގެން ކޮމްޕްރިހެންސިވް ޕެކޭޖް އާއި ސައިކަލަކަށް ނަގާ ނަމަ ޕްރިމިއަމްގެ ގޮތުގައި ދައްކަން ޖެހޭނީ ސައިކަލުގެ އަގުގެ ދެ ޕަސެންޓާއި ހަތަރު ޕަސެންޓާއި ދޭތެރޭ އަގެއް ކަމަށް އެލައިޑުން ބުންޏެވެ.
އަދި ސެކެންޑް ހޭންޑް ސައިކަލެއް ނަމަ ޕްރިމިއަމް އަށް ދައްކަން ޖެހޭ މިންވަރު ތަފާތު ވާނެ ކަމަށް ވެސް އެލައިޑުން ބުނެ އެވެ.
"މި ކަވާ އަކީ އޮޕްޝަނަލް ކަވާއެއް، މިކަވާ ބޭނުންފުޅުވާ ބަޔަކަށް ލިބިވަޑައިގަންނަވާނެ." ނަސްރަތު ވިދާޅުވި އެވެ.
މިހާރަކަށް އައިސް ސައިކަލް ގެއްލޭ މައްސަލަ އާއްމުވަމުންދާ ކަމަށާއި އެފަދަ ފަރާތްތަކަށް 'ތެފްޓް ކަވާ' އަކީ ލިބިގެންދާނެ ހައްލެއް ކަމަށް އެލައިޑްގެ މާކެޓިން ކޮންސަލްޓެންޓް ނިއުޝާދު ޝަރީފު ވިދާޅުވި އެވެ.
ސައިކަލު ގެއްލުނު ކަމަށް ބަލަނީ ސައިކަލް ގެއްލޭތާ ހަ މަސް ފަހުން ކަަމަށް އެލައިޑުން ބުނެ އެވެ.
ތެފްޓް ކަވާގައި ނުހިމެނޭނެ ކަންކަން
ޑްޕްލިކޭޓް ތަޅުދަނޑިއެއް ހައްދައިގެން ސައިކަލު ވަގަށް ނެގުމުން އޭގެ ބަދަލެއް ނުލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ. އަދި އަމިއްލަ ސައިކަލް އެހެން މީހަކަށް ދީފައި ވަނިކޮށް ގެއްލުމުން ވެސް ބަދަލެއް ނުލިބެ އެވެ.
"ތިމަންނަ އެބައަންނަމޭ ތަނަކަށް ގޮސްފައި، ދެން އެދާ ގޮތަށް ގޮސް ގެއްލުން، އަޅުގަނޑުމެން ގަބޫލުނުކުރަން އެއީ ތެފްޓެއް ކަމަކަށް،" މެނޭޖާ ޓެކްނިކަލް ހުސައިން ލުވޭޒް ވިދާޅުވި އެވެ.
އަދި ސައިކަލު ވަގަށް ނެގުމަކީ މުޅި ސައިކަލު ވަގަށް ނެގުން ކަމަށާއި ސައިކަލުގެ ބައެއް ވަގަށް ނެގުމުން ލިބޭ ގެއްލުން ތެފްޓް ކަވާގައި ނުހިމެނޭ ކަމަށް ވެސް އެލައިޑުން ބުންޏެވެ.