ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އިޒްރޭލްގެ މެކަބީ ތެލް އަވީވް އަތުން 4-0 ޗެލްސީ މޮޅުވި އިރު، ކްރޮއޭޝިއާގެ ޑައިންމޯ ޒަގްރެބާ ރަށުން ބޭރުގައި ވާދަކޮށް 2-1 ލަނޑުން އާސެނަލް ބަލިވެއްޖެ އެވެ.

ހޯޒޭ މޮރީނިއޯގެ ޗެލްސީއަށް މި ސީޒަންގެ ޕްރިމިއަލީގުގައި އަދި މިހާތަނަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، ރޭގެ މެޗުގައި އެޓީމުން ވަނީ މޮޅުކުޅުމެއް ދައްކައިފައެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު އެމެޗުގެ ފުރަތަމަ ފަސް މިނިޓްގެ ތެރޭގައި މެކަބީގެ ޕެނަލްޓީ އޭރިޔާ ތެރޭން އެޓީމުގެ ޕްރެޑްރަގް ރަޖްކޮވިޗް ޗެލްސީގެ ވިލިއަން އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެޑެން ހަޒާޑް އަތުން ވަނީ ބޭކާރުވެފައެވެ. ނަމަވެސް މެޗުގެ 15 ވަނަ މިނިޓްގައި ވިލިއަން ވަނީ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް މެކަބީ ގޯލަށް ވައްދާލައިގެން ޗެލްސީއަށް ލީޑް ނަގައިދީފައެވެ.

ޗެލްސީގެ ދެވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ އޮސްކާއެވެ. އޭނާ ލަނޑު ޖެހީ، މެކަބީ ޕެނަލްޓީ އޭރިޔާތެރޭން ޗެލްސީގެ ކުރީގެ ޑިފެންޑަރު ތަލް ބިން ހައިމް ޑިއެގޯ ކޮސްޓާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ޗެލްސީގެ ތިން ވަނަ ލަނޑު މެޗުގެ 58 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޑިއެގޯ ކޮސްޓާއެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސެސް ފަބްރިގާސް އެވެ.

މި ނަތީޖާއާއެކު ގްރޫޕް ޖީގެ އެއްވަނައިގައި ޗެލްސީ އޮތްއިރު، އެ ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗު ޑައިނަމޯ ކިއެވްއާ ވާދަކޮށް އެފްސީ ޕޯޓޯ ވަނީ 2-2 ލަނޑުން އެއްވަރުވެފައެވެ.

ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ފުރަތަމަ ހާފްގެ 40 ވަނަ މިނިޓްގައި އެޓީމުގެ ފްރެންޗް ފޯވާޑް އޮލިވިއާ ޖިރޫއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެން ފަހުހާފު އެއްކޮށް އެޓީމް ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުންނެވެ.

އެ މެޗުގައި ޑައިނަމޯއަށް ލީޑު ލިބުނީ، މެޗުގެ 24 ވަނަ މިނިޓްގައި ޑައިނަމޯގެ ޖޯޒިޕް ޕިވަރިޗް އާސެނަލްގެ ގޯލަށް ފޮނުވާލި ބާރު ޝޮޓެއް އެޓީމުގެ ކީޕަރު ޑެވިޑް އޮސްޕިނާ ދިފާއުކުރުމުން ރިބައުންސްވި ބޯޅަ އެލެކްސް އޮކްސްލޭޑް-ޗެމްބަލެއިން ގައިގަ ޖެހިފައި ބައި ގޯލަށް ލަނޑު ވަނުމުންނެވެ.

ޑައިނަމޯގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 58 ވަނަ މިނިޓްގައި ޖޫނިއަރ ފެނާންޑޭޒްއެވެ.

މެޗުގައި އާސެނަލަށް ކާމިޔާބުކުރެވުނު ހަމަ އެކަނި ލަނޑު 79 ވަނަ މިނިޓްގައި ޖަހައިދިނީ ތިއޯ ވޮލްކަޓްއެވެ. ވޮލްކަޓް ވަނީ ރޭގެ މެޗު ކުޅުނު ކްރޮއޭޝިއާގެ މަކްސިމިރް ސްޓޭޑިއަމްގައި 2008 ވަނަ އަހަރު އިންގްލޭންޑާ ކްރޮއޭޝިއާ ކުޅުނު މެޗެއްގައި ހެޓްރިކް ހަދައިފައެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި އޭނާއަށް އެކަން ރިޕީޓެއް ނުކުރެވުނެވެ.

ޑައިނަމޯ މެޗަކުން ބަލިނުވެ 42 މެޗު ހަމަކުރި އިރު، މިއީ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ލީގު ޓީމެއް އަތުން އެޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.

ޗެމްޕިއަންސް ލީގުގައި އާސެނަލް ހިމެނޭ ގްރޫޕް އެފްގައި ބަޔާން މިއުނިކް ވަނީ، ގްރީކްގެ އޮލިމްޕިއާކޮސް އަތުން 3-0 ލަނޑުން މޮޅުވެފައެވެ.

އެމެޗުގައި ބަޔާންގެ ތޯމަސް މުލާ ދެ ލަނޑު ކާމިޔާބުކޮށް ދިންއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މާރިއޯ ގޮޓްޒާއެވެ.