މިއަދު ފަށާ އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގައި ރާއްޖޭގެ ޓީމު މޮޅުވާ ކޮންމެ މެޗަކަށް ކޮންމެ ކުޅުންތެރިއަކަށް 5000 ރުފިޔާގެ ބޯނަސްއެއް ދޭން އެފްއޭއެމުން ނިންމައިފި އެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވީ މިފަހަރުގެ މުބާރާތުގައި ކުޅުންތެރިންނަށް ވަކިވަކި މެޗުތަކަށް ބޯނަސްދޭނެ ކަމަށެވެ. "މިހާރުވެސް މަސައްކަތް ކުރަމުން މިދަނީ ކުރިއަށް ހުރި މުބާރާތްތަކުގައި ބޯނަސްދޭނެ ގޮތްތަކެއް ހަމަޖައްސަން." އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ބޯނަސް ފައިސާގެ ދެބައިކުޅަ އެއްބައި ދޭނެ ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ކޮލިފައިންގެ މެޗުތަކުގެ ކަންތަކުގައި އެފަރާތުގެ އެހީތެރިކަން ބޮޑުކަންވެސް އާޒިމް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންނަށް ސަރުކާރުން މުސާރަދޭން ފަށާފައި ވަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް 2009 ން ފެށިގެން މިނިސްޓްރީން ބުނަމުން އަންނަނީ އެކަން ކުރެވޭނީ ވަކި އުސޫލުތަކަކުން ކަމަށެވެ. އެފްއޭއެމުން ވެސް ބުނެފައި ވަނީ މުސާރަ ދިނުމުގައި ގެންގުޅޭ ގޮތްތައް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެންމެ ފަހުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދިނީ 2009 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިން މުބާރާތް ފަށަން އުޅެނިކޮށެވެ، އޭގެ ފަހުން ގައުމީ ޓީމުގެ ބޮޑު ހަރަކާތެއްވެސް މިދިޔަ ދުވަސްތަކުގައި ނެތެވެ.
މިފަހަރު މޮޅުވާ މެޗަށް ބޯނަސް ދޭން ހަމަޖެއްސި ހަމަޖެއްސުމަކީ ގައުމީ ޓީމުގައި މިފަދަ ކަމެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ނަމަވެސް ބައެއް މުބާރާތްތަކުގައި ވަކިވަކި މެޗުތަކުން މޮޅުވެއްޖެ ނަމަ އިނާމާއި ފައިސާ މީގެ ކުރިންވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް މުޅި މުބާރާތަށް ހުށަހަޅާފައެއް ނުވެ އެވެ. ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން މެޗު ވިނިން ބޯނަސް ދޭ ކަމަށް މީޑިއާގައި ހާމަކޮށްފައިވާ ޓީމަކީ ހަމައެކަނި ވީބީ އެވެ.