އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ފަރުނީޗަރާއި އެފަދަ އެހެން ތަކެތި ގަނެ އެތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތް އެސްޓީއޯ އާ ހަވާލު ކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އަދި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގެ ހެލްތު ސެންޓަރުތަކަށް ބޭނުންވާ ފަރުނީޗަރުތަކާއި އެހެންތަކެތި ގަތުމަށް ވެވުނު އެއްބަސްވުމަކީ ނުވަ މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ.

"އަތޮޅުތަކުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ފަރުނީޗަރު ފަދަ ތަކެތި ގަތުމަށް ސަރުކާރުން ނުވަ މިލިއަން ރުފިޔާ ހޭދަ ކުރުމަށް ނިންމާފައިވާއިރު އެ ފައިސާ އަކީ ސަރުކާރުގެ ބަޖެޓުން ހޭދަ ކުރުުމަށް ނިންމާފައިވާ ފައިސާ،" މިނިސްޓަރު ވިދާޅުވިއެވެ.

އިރުތިޝާމް ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން މަރުކަޒުތަކަށް ބޭނުންވާ ފަރުނީޗަރުތަކުގެ އިތުރުން އެތަންތަނަށް ބޭނުންވާ އިކުއިޕްމެންޓްތަައްވެސް އެ މަރުކަޒުތަކަށް ގެނެވޭނެ ކަމަށެވެ. އެގޮތުން ކޮންމެހެން ބޭނުންވާ އެނދު ފަދަ ފަރުނީޗަރުތައް ހޯދުމަށް އިސްކަންދެއްވާނޭ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ، ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން ރަށްރަށުގައި އެ ކުންފުނިން ގާއިމްކުރަމުންދާ އެސްޓީއޯ ބޭސްފިހާރަތަކުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުން ދާ މަސައްކަތް މިއަންނަ މަހުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.

"މިހާރު ރާއްޖޭގެ އެކި ސަރަހައްދުގައި ޖުމްލަ 167 ފާމަސީ ވަނީ ގާއިމުކޮށްފައި. އަދި އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކުން އާސަންދަ ހިދުމަތް ލިބޭ ބޭސްފިހާރަތައް ގާއިމުކޮށް ނިމޭނެ،" ޝަހީރު ވިދާޅުވިއެވެ.