މާލޭގެ ސެކަންޑަރީ ސްކޫލެއް ކަމަށްވާ މަޖީދިއްޔާ ސުކޫލުގައި ދަރިވަރުންތަކެއް ފުޅިއެއް ގޮއްވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި މަޖީދިއްޔާ ސްކޫލުގައި އެއްޗެއް ގޮއްވާލި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެހެންނަމަވެސް ގޮއްވާލީ ކޮން ކަހަލަ ފުޅިއެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަޖީދިއްޔާ ސްކޫލުގައި އެ އަމަލު ހިންގީ 18 އަހަރު ފުރިފައި ތިބި ދަރިވަރުންތަކެއް ކަމަށެވެ.

އެ ކަމާ ގުޅިގެން މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދަށް ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އެ ސްކޫލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ދާދިފަހުން ފުރުގާނު މިސްކިތުގައި ވެސް 18 އަހަރު ނުފުރޭ ކުދިންތަކެއް ވަނީ ޕެޓު ފުޅިއެއް ގޮއްވާލައިފަ އެވެ. އެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.