ހައްޖަށް ދާމީހުންނަށް ހާއްސަކޮށްގެން 'ހައްޖު ކިޓެއް" ގަތަރު އެއާވޭސް އިން ތައާރަފުކޮށްފި އެވެ.

ހައްޖަށް ދާ މީހުންނަށް ހާއްސަކޮށްގެން ގަތަރު އެއާވޭސް އިން ތައްޔާރުކޮށްފައިވާ އެ ކިޓް ގަތަރު އެއާވޭސްގެ ފްލައިޓުން މިމަހުގެ 15 އިން 22 އަށް ޖިއްދާއަށް އަދި މަދީނާ އަށްދާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް އެ އެއާވޭސް އިން ބުނެ އެވެ.

ހައްޖުވެރިންނަށް ހާއްކޮށްގެން ގަތަރު އެއާވޭސް އިން ހަދިޔާ ކުރާ އެކިޓުގައި ވެޓް ޓިޝޫ، ތަސްބީހަ، ހިލަކޮޅު، އިސްޓާކީނު އަދި މުސޮއްލައެއް ވެސް ހިމެނޭނެ ކަމަށް ގަތަރު އެއާވޭސް އިން ވަނީ ބުނެފަ އެވެ. އަދި ގަތަރު އެއާވޭސްގެ ފަރާތުން ދޭ ދަބަހަކީ އުފުލަން ފަސޭހަ ބޫޓު ލާން ބޭނުންވެއްޖެ ނަމަ ބޮޑުކޮށްލެވޭ ގޮތަށް ހަދާފައިވާ ދަބަހެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ގަތަރު އެއާވޭސްގެ ސީނިއާ ވައިސް ޕްރެސިޑެންޓް މާކެޓިންގް ކޯޕަރޭޓް ކޮމިއުނިކޭޝަން ސަލާމް އަލް ޝަވާ ވިދާޅުވީ ގަތަރު އެއާވޭސް އިން ހައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ހާއްސަކޮށް ހައްޖު ކިޓެއް ފޯރުކޮށްދެވޭތީ އުފާ ކުރާ ކަމަށެވެ. އަދި އެ ކިޓުގެ ސަބަބުން ގިނަބަޔަަކަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ޝަވާ ވިދާޅުވި އެވެ.

ގަތަރު އެއާވޭސް އިން 1997 ވަ އަހަރުން ފެށިގެން ހުއްޓުމެއްނެތި ދަނީ ސައުދީ އަރަބިއާ އަށް ދަތުރުތައް ކުރަމުންނެވެ.