17 Sep 2015, 12:47
އަންނަ ހަފްތާގައި އީދު ބަންދަށް ސަރުކާރާއި ބޭންކްތައް ބަންދުވި ނަމަވެސް އަންނަ އަންގާރަ ދުވަހު ގައުމީ ބެންކް، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ހުޅުވުމަށް އެބެންކުން ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ އަންނަ އަންގާރަ ދުވަހު ބީއެމްއެލް މެއިން ބްރާންޗުން ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެެ. އޭގެ އިތުރުން ބަންދު ދުވަސްތަކުގައި ބޭންކްގެ ސެލްފް ސާވިސް ބޭންކިން 8 ޔުނިޓް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނަގާ އަދި ޖަމާކުރެވޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.
ހަމައެއާ އެކު 100 އަށް ވުރެ ގިނަ ރަށުގައި ގާއިމުކޮށްފައިވާ ބޭންކުގެ ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 2000 ރުފިޔާ ނެގޭނެ އިރު އިންޓާނެޓް ބޭންކިންގެ ހިދުމަތް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން 24 ގަޑިއިރު ހިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ހެޑް އޮފް ކަސްޓަމާ ސަވިސް މޫސާ ނިމާލް ވިދާޅުވީ އަމާޒަކީ މި ބަންދު ތެރޭގައި 24 ގަޑިއިރު ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނެ މަގުފަހިކޮށް ދިނުން ކަމަށެވެ.
"ސެލްފް ސަވިސް ބޭންކިން އަށް ކުރެވުނު އިންވެސްޓްމަންޓްތަކާ އެކު ކަސްޓަމަރުން ބޭނުންވާ ކޮންމެ ވަގުތަކު ފައިސާ ނަގައި ޖަމާކޮށް، ޓްރާންސްފާ ކުރުމުގެ އިތުރުން ޕޭމަންޓް ވެސް ހެދޭނެ." ނިމާލް ވިދާޅުވި އެވެ.