17 Sep 2015, 12:15
ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގެ ބައިވެރިއަކަށް އަނިޔާކުރި ކަމަށް ބުނެ ކުރީގެ ފުލުހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މާރާމާރީ ހިންގުމުގެ ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައި ވަނީ ފ. ނިލަންދޫ ޖަނަވަރީމާގޭ އަލީ އަހްމަދުގެ މައްޗަށެވެ.
އަލީ އަހްމަދުގެ މައްޗަށް އެ ދައުވާ އުފުލީ 8 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ހަވީރު 3:00 އެހާކަންހާއިރު އެމްއެމްއޭ ސަރަހައްދުގައި އެމްޑީޕީން ކުރި މުޒާހަރާ ހަލަބޮލިވި ވަގުތު، ފުލުހެއްގެ ހައިސިއްޔަތުން އެތަނުގެ އަމަން ބަލަހައްޓަންހުރެ މުޒާހަރާގެ ބައިވެރިއެއް ކަމުގައިވާ ގދ. ފަރެސްމާތޮޑާ ގަނދަކޯޅިމާގޭ މުހައްމަދު ނިޔާޒުގެ ގައިގައި އޭނާގެ ފައިން ޖަހާފައިވާތީ ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ދައުވާގައި އެގޮތަށް ބުނެފައިވީނަމަވެސް، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް އެ ދައުވާ ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ.
އެހެންކަމުން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ރިއާޔަތްކޮށް އަލީ އަހްމަދުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.
އެ މައްސަލާގައި ވަކާލާތު ކުރެއްވީ ކުރިން ޕޮލިހުގައި މަސައްކަތް ކުރައްވާފައިވާ ލޯޔަރު އާދަމް އާސިފެވެ.