"ވޯލްޑް ވައިލްޑްލައިފް ފަންޑް" އަދި ލަންޑަނުގެ "ޒޫލޮޖިކަލް ސޮސައެޓީ" އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 1970 އަށްފަހު މަސްމަހާއި، ކަނޑުގައި އުޅޭ އެހެން ޖަނަވާރާއި، ކަނޑަށް ބަރޯސާވާ ދޫނިސޫފާސޫފީގެ އަބާދީތައް ވަނީ 49 އިންސައްތަ ދަށަށް ގޮސްފަ އެވެ.

އެ ދެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި ވާ ގޮތުގައި ކަންނެލި ފަދަ އިންސާނުން ކާނާގެ ގޮތުގައި ބޭނުންކުރާ މަސްމަހުގެ ބާވަތްތަކުގެ އާބާދީތައް ވަނީ 74 އިންސައްތަ ދަށަށް ގޮސްފަ އެވެ. މިއީ ކަންބޮޑު ވާންޖެހޭ ވަރުގެ ހޯދުންތަކެކެވެ.

ރިޕޯޓުގައި އާބާދީތައް އެހާ ދަށްވުމުގެ ސަބަބެއް ކަމަށް ފާހަގަ ކޮށްފައިވަނީ ވަކި ހައްދެއް ނެތި މަސްވެރިކަން ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކެވެ.

"އިންސާނުންގެ ހަރަކާތްތަކުގެ ސަބަބުން މަސްމަހާމެހި އާލާވާ ރޭޓަށްވުރެ އަވަހަށް މަސްބޭނުމާއި، މަސްބޭނުމުގެ ތެރޭގައި މަސް އާލާވާ ތަންތަން ހަލާކު ކުރުމުގެ ސަބަބުން ކަނޑަށް ވަނީ ވަރަށް ބޮޑު ގެއްލުންތަކެއް ލިބިފައި،" "ވޯލްޑް ވައިޑްލައިފް ފަންޑް" އިސްކޮށް ހިންގާ ބޭފުޅާ ކަމުގައިވާ މާކޯ ލެމްބާޓިނީ ބުންޏެވެ.

އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އޭޝިޔާ ގެ ގައުމުތަކުގައި އެ އެއްޗަކަށް ބޮޑު ޑިމާންޑެއް އޮންނަ ހުއިފިލަނޑާގެ އާބާދީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން އެކުއެޑޯގެ ރަށެއް ކަމުގައިވާ ގަލާޕާގޮސް ގައި ވާ ހުއިފިލަނޑާގެ އަބާދީ ފާއިތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި 98 އިންސައްތަ ދަށަށް ގޮސްފައިވާއިރު ރެޑް ސީ ގައި ވާ ހުއިފިލަނޑާގެ އާބާދީ ވަނީ 93 އިންސައްތަ ދަށަށް ގޮސްފަ އެވެ.

ހުއިފިލަނޑާ: އާލާވާ މިންވަރަށް ވުރެ ގިނައިން ނެގުމުގެ ސަބަބުންނާއި ދިރިއުޅޭ މާހައުލުތަކަށް ގެއްލުން ދިނުމުގެ ސަބަބުން ހުއިފިލަނޑާގެ ސްޓޮކް ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައި ---

ފާއިތުވި 45 އަހަރު ދުވަހުގެ ތެރޭ 1200 ވައްތަރުގެ މަސްމަހާއި، ކަނޑުގައި އުޅޭ އެހެން ޖަނަވާރާއި، ކަނޑަށް ބަރޯސާވާ ދޫނީގެ އަބާދީތައް ދިރާސާކޮށް އެކުލަވާފައިވާ މި ރިޕޯޓުގައި ވަނީ އެ އެއްޗިހި ދިރިއުޅޭ "ހެބިޓެޓް" (މާހައުލު) ތައް މަދުވަމުން އަންނަކަން ފާހަގަ ކޮށްފައެވެ.

މަދުވަމުންދާ ދިރުންތަކުގެ ފަހަތުގައި މޫސުމަށް އަންނަ ބަދަލުތައްވެސް އަންނަނީ ބޮޑު ރޯލެއް ކުޅެމުންނެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑަށް ކާބޮންޑިއޮކްސައިޑް "އެބްޒޯބް" ވެ، ކަނޑުގެ ލޮނުގަނޑު އިތުރަށް "އެސިޑިކް" ވުމުގެ ސަބަބުންވެސް ދަނީ ކަނޑުގެ ދިރުންތައް މަދުވަމުންނެވެ.