ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްގީ ކުރުމަށް އިންޓަނޭޝަނަލް ރިނިއުވަބްލް އެނާޖީ އެޖެންސީ (އައިރީނާ) އިން ތައްޔާރުކޮށްފައިވާ މަގުޗާޓާ ބެހޭ އެންމެ ފަހުގެ މަޝްވަރާތައް ކުރުމަށް މިއަދު މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

އައިރީނާއާއި ދިވެހި ސަރުކާރު ގުޅިގެން ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި ބައްދަލުވުމުގެ ބޭނުމަކީ މަގުޗާޓުގައި ފާހަގަކޮށްފައި ހުރި މުހިއްމު ފިޔަވަޅުތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށް، އެކަންކަމާ މެދު މަޝްވަރާ ކުރުން ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުންޏެވެ.

ފުޅާ ދާއިރާއެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، މިއަދުގެ ބައްދަލުވުމުގައި އެކަންކަމަށް ހައްލުތައް އެކަށައަޅާނެ އެވެ. މިނިސްޓްރީ އޮފް އެންވަޔަރްމެންޓް އެންޑް އެނާޖީ، މޯލްޑިވްސް އެނާޖީ އޮތޯރިޓީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް، ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން އަދި ބައެއް ރިސޯޓްތަކުގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ގާތްގަނޑަކަށް 40 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު އެވެ. އެއަށް ފަހު ވާހަކަފުޅު ދެއްކެވީ އައިރީނާގެ ޑިރެކްޓަރް ޖެނެރަލް އަދުނާން އަމީނެވެ. މިނިސްޓަރު ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ މަގުޗާޓްގައި ހުރި ބައެއް ކަންތައްތައް މިހާރުވެސް ރާއްޖޭގައި ތަންފީޒުކޮށްފައިވާ ކަމަށެވެ.