17 Sep 2015, 11:27
ދައުލަތުގެ ހުރިހާ މުއައްސަސާތައް ކޯޓުތަކުގައި ތަމްސީލުކުރަންޖެހޭނީ ބަންޑާރަ ނައިބު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން އެކަމުގައި އަމަލުކުރާނެ ގޮތުގެ ލަފަޔަކަށް އެލްޖީއޭގައި އެދޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ސަން އަށް ވިދާޅުވީ ސުޕްރީމް ކޯޓުން އެ އެންގުން އަންގާފައި ވަނީ އެ ކައުންސިލްގެ ފަރާތުން މިނިސްޓްރީއަކާ ދެކޮޅަށް ކޯޓަށް މައްސަލަތަކެއް ހުށަހަޅަން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.
މޭޔަރު ވިދާޅުވީ، މިނިސްޓްރީތައް ވެސް ކޯޓުގައި ތަމްސީލު ކުރަނީ ބަންޑާރަ ނައިބު ކަމުގައިވާއިރު، ސުޕްރީމް ކޯޓުން ނެރުނު އާންމު ސިޓީގައިވާގޮތުން ކައުންސިލްތައް ވެސް ކޯޓުތަކުގައި ތަމްސީލުކުރާނީ ބަންޑާރަ ނައިބު ކަމަށެވެ. އެހެންކަމުން އެއީ ލާމަރުކަޒީ ނިޒާމް "ފުނޑާލުމަށް" ކޮށްފައިވާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުގައިވާގޮތުން ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ މިނިވަން ޝަޚްސެއް ކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން އެ ބާރުވެސް އައްޑޫ ސިޓީ ކައުންސިލްގެ ކިބައިން ގެއްލިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ކައުންސިލްތަކަކީ މިހާރު މުހިންމު ޚިދުމަތްތަކެއް ދިނުމުގެ ބާރު ލިބިގެންވާ ތަންތަނެއް ނޫން ކަމަށާއި އައްޑޫ ސިޓީ ކައުންސިލުންދޭ އެންމެ ބޮޑު ޚިދުމަތެއްގެ ގޮތުގައި މިހާރު ހަމަޖެހިފައި އޮންނަނީ ވިހާ މަރުވާ ބެލެހެއްޓުން އެކަނި ކަމަށް މޭޔަރު ވިދާޅުވި އެވެ.