ދިއެފްއެމް ވިޝުއަލް ރޭޑިއޯ އިން މި މަހުގެ 15 ވަނަ ދުވަހު ފޮނުވި ބުރެކްފާސްޓް ކުލަބް ޝޯގެ ދެ ޕްރެޒެންޓަރުން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީ އަށް މިއަދު ހާޒިރުކޮށް ތަހުގީގު ހިންގަން ފަށައިފި އެވެ.

"ވަތަނިއްޔާ ބްރޮޑްބޭންޑް ބުރެކްފާސްޓް ކުލަބް"ގައި ރައްޔިތުން މަޖިލީހުގެ ކަރާމާތާއި އިއްޒަތަށް ހުތުރުވާ ފަދަ ވާހަކަތަކެއް ދެއްކި ކަމަށްބުނެ މިއަދު 9:30 ގައި މަޖިލީހުގެ އާންމު ކޮމެޓީއަށް ހާޒިރުކޮށް، ތަހުގީގު ހިންގާފައި ވަނީ އެ ޕްރޮގްރާމްގެ ހޮސްޓް އަދި އެ ސްޓޭޝަންގެ ހެޑް އޮފް ނިއުސްއެންޑް ކަރަންޓް އެފެއާޒް މުހަންމަދު ޖިނާހު އާއި އަދި އެ ޝޯގެ ކޯ ހޮސްޓް އިބްރާހިމް ޝާފިއު (ޗަންޕީ) އެވެ.

ގަޑިއެއްހާ އިރަށް ސިއްރުކޮށްގެން ބޭއްވި އާންމު ކޮމެޓީގައި އެ ދެ ޕްރެޒެންޓަރުންނާ ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބުދިނުމަށް ފަހު ބޭރަށް ނުކުމެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ޖިނާހު ބުނީ އެ ކޮމެޓީގެ ބައްދަލުވުމުގައި ކުރެވުނު މުއާމަލާތްތަކުގެ ވާހަކަ ސިއްރުކުރުމަށް މެންބަރުން ވެސް އެދިފައި ވުމާއި އަދި ވެސް އިތުރު މައުލޫމާތު ސާފުކުރުމަށް ކޮމެޓީ އަށް ހާޒިރުކުރާ ގޮތަށް އޮތުމުން އަދި މީޑިއާގައި އެ ވާހަކަ އާންމުކޮށް ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި ވިދާޅުވީ ދިއެފްއެމް ހިންގަމުން އަންނަ މޯލްޑިވްސް މީޑިއާ ކޮމްޕެނީ [އެމްއެމްސީ]ގެ ބޭފުޅުން ވެސް ކޮމެޓީއެއް ހާޒިރުކުރާނެ ކަމަށް ކޮމެޓީން ވިދާޅުވި ކަމަށެވެ.

"އިތުރު މައުލޫމާތު ސާފުކުރުމަށް އަޅުގަނޑުމެން ނޫނަސް އެމްއެމްސީގެ ބޭފުޅުން ހާޒިރުކުރާނެ ކަމަށް ކޮމެޓީން ވިދާޅުވި،" ޖިނާހު ބުންޏެވެ.

މަޖިލީހުގެ އިދާރާ އިން ވަނީ ދިއެފްއެމަށް ދޫކޮށްފައިވާ ލައިވް ފީޑް ވެސް އެ މައްސަލައާ ގުޅިގެން ކަނޑައިލައިފަ އެވެ.
ދި އެފްއެމަށް ދީފައިވާ ރައްޔިތުންގެ މަޖިލީހުގެ ލައިވް ފީޑް ކަނޑާލައި ދެ ނޫސްވެރިޔަކު އެ ކޮމެޓީއަށް ހާޒިރު ކުރާ މައްސަލައާ ގުޅޭ ގޮތުން، ނޫސްވެރިންގެ މިނިވަން ކަމަށް މަސައްކަތް ކުރާ، އެމްޖޭއޭ އިން ގޮވާލައިފައި ވަނީ، ގާނޫނުން އެފަދަ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ އިދާރާ މެދުވެރިކޮށް އެ މައްސަލަ ބެލުމަށެވެ.
މިއަދު ދެ ނޫސްވެރިޔަކު ހާޒިރު ކުރި، ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގެ މުގައްރިރަކީ ތުޅާދޫ ދާއިރާގެ ނާޒިމު ރަޝާދެވެ. އަދި ނާއިބު މުގައްރިރަކީ މާވަށު ދާއިރާގެ އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރެވެ.

ދެން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒާއި ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒާއި ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމާއި ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދާއި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމާއި ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދެވެ.