ޔޫއެފާ ޗެމްޕިއަންސް ލީގްގައި ރޭ ބާސާއާ ރޯމާ ބައްދަލު ކުރި މެޗްގައި ރޯމާގެ ޕެނަލްޓީ އޭރިއާ ތެރެއިން ލުއިސް ސުއަރޭޒް ވައްޓާލުމުން އެމެޗްގެ ރެފްރީ ހޮލެންޑްގެ ބޯޖަން ކްއިޕާސް ބާސާއަށް ޕެނަލްޓީއެއް ނުދިނުމުން ބާސާގެ ކޯޗް ލުއިސް އެންރީކޭ އެކަން ބޮޑުކޮށްލައިފި އެވެ.

ރޭގެ މެޗްގައި ރޯމާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމްގެ ކުޅުންތެރިޔަކު ސުއަރޭޒްއަށް ކުރި ފައުލާ ގުޅިގެން ސުއަރޭޒް ވެއްޓުނުއިރު އެކަމާ ބޭހޭގޮތުން ސުވާލުކުރުމުން އެންރީކޭ ބުނީ "ބާސާއަށް އެ ޕެނަލްޓީ ނުލިބުމުން ޚަބަރަކަށް ނުވޭތޯ" ބުނެ ސުވާލު އުފައްދާފައެވެ.

އެފައުލާ ގުޅިގެން ސުއަރޭޒް ވެއްޓުނުއިރު ބާސާގެ ބެންޗުން ވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފައެވެ. ނަމަވެސް މެޗްގެ ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

އެންރީކޭ ވަނީ ދެ ވަނަ ހާފުގައި ކުޅެން ނިކުތް ރަފިއާނާއަށް މެޗްގެ 61 ވަނަ މިނެޓްގައި ރޯމާގެ ރެޑްޖާ ނެންގޯލާން ކުރި ފައުލާ ގުޅިގެން ރަފިއާނައަށް އަނިޔާވުމަކީ ދެރަކަމެއް ކަމަށާއި އެޚަބަރަކީ އަޑުއަހަން އެހާ ފަސޭހަ ހަބަރެއް ނޫން ކަމަށް ބުނެފައެވެ.

ރޭގެ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބާސާ، ރޯމާ އާ އެއްވަރުވީ 1-1 ނަތީޖާއަކުންނެވެ.