17 Sep 2015, 11:11
އިންޑިއާގެ އެއް ނަންބަރު ބެޑްމިންޓަން ކުޅުންތެރިޔާ ސެއިނާ ނަވާލްގެ ފަރާތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އުފަންދުވަހުގެ ހަދިޔާއަކަށް ރެކެޓެއް ހަދިޔާކޮށްފި އެވެ.
ދުނިިޔޭގެ އެއް ނަންބަރު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ފަރާތުން އޭނާގެ ރެކެޓެއް މިއަދު އުމުރުން 64 އަހަރު ފުރިވަޑައިގެންނެވި، މޯދީ އަށް ހަދިޔާކޮށްފައިވަނީ އިއްޔެ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މޯދީއަށް ސެއިނާ ހަދިޔާކުރި ރެކެޓަކީ، މިއަހަރުގެ އޮގަސްޓް މަހު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ބޭއްވި ވޯލްޑް ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި އޭނާ ބޭނުންކުރި ރެކެޓެކެވެ.
"އަހަރަކަށްފަހު ބޮޑުވަޒީރާ ބައްދަލުވީތީ ވަރަށް އުފާވޭ. ބޮޑުވަޒީރަށް މަރުހަބާ ކިޔައި އުފަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން. އަހަރެންގެ ރެކެޓެއްވެސް ބޮޑުވަޒީރަށް ހަދިޔާކުރިން،" އެންމެ ފަހުން ބޭއްވި ވޯލްޑް ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ރިހި މެޑަލް ހޯދި ޒުވާން ކުޅުންތެރިޔާ ބުންޏެވެ.
އޮލިމްޕިކްސްގައި ބެޑްމިންޓަނުން އިންޑިއާއަށް ފުރަތަމަ މެޑަލް ހޯދަދިން ސެއިނާ ބުނިގޮތުގައި، ބޮޑުވަޒީރު މޯދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކުޅިވަރާ ބެހޭގޮތުން މޯދީ މަޝްވަރާކުރެއްވި ކަމަށެވެ. އަދި ގައުމުގެ ކުޅިވަރުތައް ކުރިއަރުވަން ބޮޑުވަޒީރު ބޭނުންފުޅުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން ވަރަށް އުފާވޭ އެހާ ސަޕޯޓިވް ބޮޑުވަޒީރެއް ލިބުނީތީ. މުސްތަގްބަލުގައި ކުޅިވަރަށް ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި. ބޮޑުވަޒީރު ހުރިހާ ކުޅިވަރެއްވެސް ގަވައިދުން ބައްލަވާތީ ވަރަށް ރަނގަޅު،" ސައިނާ ބުނެފައިވެ އެވެ.
މައުލޫމާތު: އިންޑިއާ ޓުޑޭ