އިމާދުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ލޫތު އިސްމާއިލް ޝަފީގު ހޮވިއްޖެ އެވެ.

ލޫތަކީ މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ގައުމީ ގަދަ 10ގައި އެއްވަނަ ހޯދުމުގެ އިތުރުން އިމާދުއްދީން ސުކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދިހަ ދަރިވަރުންގެ އެއްވަނައިގައި ހިމެނޭ ދަރިވަރެކެވެ.

އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، މިދިޔަ އަހަރު އިމާދުއްދީން ސްކޫލުން އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ 239 ދަރިވަރަކަށް ވަނީ އިނާމު ލިބިފައެވެ.

މިދިޔަ އަހަރު އެ ސްކޫލު ތަމްސީލުކޮށްދީގެން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރަން ވަނަ ހޯދައި ދިން ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އޭގެ އިތުރުން ކިޔެވުމާއި ކުޅިވަރު ހަރަކާތްތަކުން ވަނަ ވަނައަށް އައި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް އެދަރިވަރުންނަށް ވެސް އެ ރަސްމިއްޔާތުގައި އިނާމާއި ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރަފުވެރި މެހްމާން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް އަޒުރާ ވިދާޅުވީ، މަދަރުސީ ތައުލީމްގެ އުނގެނުމާއި ތަޖުރިބާގެ ދުވަސްތަކަކީ ދަރިވަރުންނަށް އެންމެ ފައިދާކުރާނެ ދުވަސްތަކަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"ކޮންމެ ދަރިވަރަކީވެސް އަހްލާގީ ގޮތުން ނަމޫނާ ދަރިވަރަކަށް ވެ، އެ ދަރިވަރެއްގެ ފައިދާ އެކުވެރިންނަށް ވާނެ ފަދަ ކުއްޖަކަށް ވާން ޖެހޭ،" އަޒުރާ ވިދާޅުވި އެވެ.