21 Mar 2011, 09:40
ޓްރިޕޮލީ : ލީބިޔާ މަތީގައި އުދުހުން މަނާ ސަރަޙައްދެއް ޤާއިމް ކުރުމަށް އދ. ން ފާސްކޮށްފައިވާ ޤަރާރު ތަންފީޒު ކުރުމުގެ ނަމުގައި ޙަރަކާތްތެރިވާ ހުޅަނގުގެ ބާރުތަކުން ލީބިޔާގެ ބައެއް ތަންތަނަށް ރޭވެސް ހަމަލާތަކެއް ދީފިއެވެ.
ހުޅަނގުގެ ބާރުތަކުން ރޭ ޙަމަލާދިން އެއްތަނަކީ ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ރިޔާސީ އެކުވެނި ކަމަށްވާ ބާބުލްޢަޒީިޒިއްޔާ ޢަސްކަރީ ކޭންޕެވެ. ގައްޒާފީއާއި އޭނާގެ ޢާއިލާއާއި އަޢުވާނުން ދިރިއުޅުއްވަނީ މިތާނގައެވެ.
އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ގުޅިގެން ރޭ ދިން ޙަމަލާތަށް އަމާޒުކުރި ގައްޒާފީގެ ރިޔާސީ އެކުވެނީގެ ޢިމާރާތަކުން ބޯދުންތަކެއް އަރަމުންދާ މަންޒަރު ޢާންމުންނަށާއި މުރާސިލުން ނަށް ފެނިފައިވެއެވެ. އަދި ހުޅަނގުގެ ބޯޓުތަކަށް ގައްޒާފީގެ އެކުވެނިން ރައްދު ޙަމަލާތައްދޭ މަންޒަރުވެސް ފެނިފައިވެއެވެ.
ރޭގެ ޙަމަލާތައް ގައްޒާފީގެ އެކުވެންޏަށް އަމާޒުކުރިކަން އެމެރިކާ ހާމަކޮށްފައެއްނުވެއެވެ. އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މައިކް މުލެން ވިދާޅުވީ ގައްޒާފީއަށާއި އޭނާގެ ޢާއިލާއަށް ޙަމަލާތައް އަމާޒުކުރުމަކީ އެމެރިކާގެ މަޤްސަދެއްނޫންކަމުގައެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާވެސް ވަނީ ގައްޒާފީގެ ކިބައިން ލީބިޔާގެ ޢާންމުން ޙިމާޔަތްކުރުން ފިޔަވައި އެހެން މަޤްސަދެއް އެމެރިކާގެ ނެތްކަމަށް ވިދާޅުވެފައެވެ.
ލީބިޔާގެ ރަސްމީ ފަރާތްތަކުންވަނީ ހުޅަނގުގެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ޢާންމުން މަރުވިކަން އިޢްލާން ކޮށްފައެވެ. އަދި ހުޅަނގުގެ ޙަމަލާތައް ލީބިޔާގެ މަދަނީ ތަންތަނަށް އަމާޒުކޮށްފައިވާ ކަމަށާއި މިޙަމަލާތަކުގެ ސަބަބުން އާންމުންނަށާއި މަދަނީ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ލީބިޔާގެ ރަސްމީ ޓީވީ ބުނެއެވެ. އެމެރިކާ ބުނަނީ ހުޅަނގުގެ ޙަމަލާތަކުގައި ލީބިޔާގެ ޢާންމުން މަރުވެފައިވާކަން އެނގިފައި ނުވާކަމުގައެވެ.
ޢަރަބި ލީގުންނާއި ދުނިޔޭގެ ބައެއް ޤައުމުތަކުންވަނީ ހުޅަނގުގެ ޙަމަލާތަކުގައި ލީބިޔާގެ ޢާންމުން މަރުވަމުންދާތީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. އެމެރިކާގެ ވައިގެ ޙަމަލާތަކަކީ ޢާންމުގޮތެއްގައި ޢާންމުންނަށާއި މަދަނީ ތަންތަނަށް އަމާޒުވާ ޙަމަލާތަކަކަށްވެފައި ޢިރާޤާއި އަފްޣާނިސްތާނާއި ޕާކިސްތާންފަދަ އިސްލާމީ ޤައުމުތަކުގެ އެތަށް ހާސް ރައްޔިތުންނެއް އެމެރިކާގެ ވައިގެ ޙަމަލާތަކުގެ ޝިކާރައަކަށްވެ މަރުވެފައިވާތީ މިކަމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ޢަމްރު މޫސާ ވިދާޅުވިއެވެ.
މޫސާ ވިދާޅުވީ ގައްޒާފީގެ ކިބައިން ލީބިޔާގެ ޢާންމުން ސަލާމަތް ކުރުމުގެ މަޤްސަދްގައި ހުޅަނގުން ހިންގާ ޢަސްކަރީ އޮޕަރޭޝަންތަކުން ލީބިޔާގެ އާންމުން މަރުވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމުގައެވެ. މިހެންވާނަމަ މިއޮޕަރޭޝަންގެ ބޭނުމެއް ނެތްކަމަށްވެސް ޢަމްރު މޫސާ ވިދާޅުވިއެވެ.
ރަޝިޔާއިން ވަނީ ހުޅަނގުން ލީބިޔާއަށް ދޭ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. ހުޅަނގުން ލީބިޔާއާ ދެކޮޅަށް ހިންގާ ޢަސްކަރީ އޮޕަރޭޝަންގައި ބައިވެރިވާ ހަމައެކަނި ޤައުމަކީ ޤަތަރެވެ. ނަމަވެސް ޤަތަރުން ބައިވެރިވަނީ ލީބިޔާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެކަނި ކަމަށް އެޤައުމުން ބުނެއެވެ. (އަލްޖަޒީރާ)