ގަޑިއެއް ހަދައިގެން ސްކޫލަށް ގެންދިޔުމުން، ޓީޗަރު އެއީ ބޮމެއް ކަމަށް ބަލައި، ފުރަގަހަށް ބިޑިއަޅުވައިގެން ހައްޔަރު ކުރި، އެމެރިކާގެ ޓެކްސަސް ސްކޫލެއްގެ ދަރިވަރަށް، އެމެރިކާގެ ރައީސް އޮބާމާ ވައިޓް ހައުސް އަށް ދައުވަތު ދެއްވައިފި އެވެ.

ސާދަ އަހަރުގެ އަހުމަދު މުހައްމަދު ހެދި ގަޑިއަކީ ބޮމެއް ކަމަށް ފުލުހުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން އެމެރިކާގެ އިސްލާމިކް ރިލޭޝަންސް ކައުންސިލުން ބުނީ އެ ގަޑިހެދީ މުސްލިމު ކުއްޖެއް ކަމަށާއި އޭނާއާ ދޭތެރޭ އަމަލު ކުރި ގޮތުން މުސްލިމުންނާ ދޭތެރޭ ދެކޭ ގޮތާއި އެ މީހުންނާ ދޭތެރޭ ނަފުރަތު އުފައްދައި އަދި އެ ދީނާ ދޭތެރޭ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ކުރާ މަސައްކަތް ވަރަށް ރަނގަޅަށް ދޭހަވާ ކަމަށެވެ.

އައިނެއް އަޅައިގެން ހުންނަ އަހުމަދަކީ ނުވަނަ ގްރޭޑްގައި ކިޔަވާ ދަރިވަރެކެވެ. އޭނާ ހޯމަ ދުވަހު ހައްޔަރުކޮށްގެން ގެންދިޔަ އިރު އޭނާ ހުރީ، ޕްރޮޖެކްޓަކަށް އޭނާގެ ކްލާސް މޭޓުން ޝައުގުވެރި ކުރުވުމަށް ނާސާ ޖެހި ޓީޝާޓެއްލައިގެންނެވެ.

މުޅި ބުދަ ދުވަހު އިންޓަނެޓްގައި އޮތީ އަހުމަދުގެ ވާހަކަ އެވެ. "ކޫލް ކުލޮކް އަހުމަދެވެ. އެ ވައިޓް ހައުސް އަށް ގެންނަން ބޭނުން؟ ތިޔަ ކަހަލަ ގިނަ ސައިންސު ދަރިވަރުން އުފައްދަން އަހަރުން ހިތްވަރުދޭން ޖެހޭ، އެއީ އެމެރިކާ، ގްރޭޓް އެެމެރިކާ އަކަށްވާ ގޮތަކީ" އޮބާމާގެ ޓުވީޓާ ފީޑްގައި ބުންޏެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ބުނީ އަންނަ މަހު ނާސާގެ އެސްޓްރޯނޯޓުންނާ އެކު އޮންނަ އެސްޓްރޮމީ ރޭގައި ބައިވެރިވުމުގެ ފުރުސަތު އަހުމަދަށް ދީފައިވާ ކަމަށެވެ.

ވައުޓް ހައުސްގެ އެ ނިންމުންތަކުން އަހުމަދުގެ ބައެއް ޓީޗަރުން އޭނާ ފެއިލްކޮށްލިކަން އެނގެ އެވެ.

އަހުމަދުގެ ގޭ ދޮރުމަތީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އޭނާ ބުނީ، ވައިޓް ހައުސްގެ އެސްޓްރޯނަމީ ރޭގައި ބައިވެރިވުމަށް ޢޭނާ ވޮޝިންގްޓަނަށް ދާނެ ކަމަށެވެ.

ފޭސް ބްކްގެ ޗީފް އެކްޒެކެޓިވް މާކް ޒުކަބާގު ވެސް ވަނީ ކެލިފޯނިއާގައި ހުންނަ އޭނާގެ ކުންފުންޏަށް ޒިޔާރަޔަތް ކުރުމަށް އަހުމަދަށް ދައުވަތުދީފަ އެވެ.

މައުލޫމާތު: ރޮއިޓާސް