އަންނަ އޮކްޓޫބަރު މަހުގެ 22 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ އިންތިހާބަށް ކުރިމަތި ލުމުގެ ވަގުތު އިއްޔެ ހަމަވިއިރު އިންތިޚާބުގައި ވާދަކުރައްވަން ފޯމް ހުށަހަޅުއްވާފައިވަނީ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ ޗެއާމަން މުޙައްމަދު ޝަވީދު އެކަނި ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ސަންއާ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ، އިންތިޚާބުގައި ޝަވީދު ވާދަކުރެއްވި ނަމަވެސް މަގާމަށް އާދެވޭނީ އަންނަ މަހު 22 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި އެފްއޭއެމްގެ މެންބަރު ކުލަބުތަކުގެ ތާއީދާއެކު ކަމަށެވެ.

ބައްސާމް ވިދާޅުވީ، އެއްގޮތަކީ ފެންނަ ނުފެންނަ ވޯޓެއް ލުންކަމަށާއި ނުވަތަ އޭއެފްސީއާއި ދުނިޔޭގެ އެހެން ފުޓްބޯޅަ އޮގަނައިޒޭޝަންތަކުގައި އަމަލުކުރާހެން އެއް ކެނޑިޑޭޓަކު ކުރިމަތިލާ ކަމުގައިވާނަމަ މެންބަރު ކުލަބުތަކުން ހާޒިރުވެ އެކަމަށް ފެންނަ ކަމުގައިވާނަމަ އަތްޖަހާ (ކްލެޕް) ގޮތަށް ކަމަށެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރެވޭނީ އެފްއޭއެމްގެ މެންބަރު ފަސް ކުލަބުގެ ތާއިދާއެކުއެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ތިން ކުލަބުގެ ތާއީދު ލިބެންޖެހެއެވެ.

އެފްއޭއެމްގެ އާ ޤަވައިދުގެ ދަށުން ބާއްވާ ފުރަތަމަ އިންތިޚާބުގައި އެފްއޭއެމްގެ މެންބަރު 44 ކްލަބަށް ވޯޓް ދިނުމުގެ ޙައްޤު ލިބިގެންވެއެވެ.

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމީޓީގެ ނުވަ މަގާމަކަށް މެންބަރުން އިންތިޚާބު ކުރާއިރު އަނެއް އަށް މަގާމަށް ނަންތައް ހުށަހަޅާނީ އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާ ކެނޑިޑޭޓުން އޭނާގެ ޓީމްގެ ގޮތުގައެވެ.

މީގެ ކުރިން ސަންއާ ވާހަކަ ދެއްކެވި، ޝަވީދުގެ ގާތް މީހަކު ބުނީ ޝަވީދު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށާއި ރާއްޖެ ވަޑައިގެން ޝަވީދުގެ ޓީމްގައި ހިމެނޭ ބޭފުޅުންގެ ނަންތައް އިއުލާން ކުރައްވާނެ ކަމަށެވެ.

އެފްއޭއެމްގެ އިންތިޚާބަށް ޝަވީދު ކުރިމަތިލެއްވިއިރު އޭނާއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްވެސް މެއެވެ.